ވިޔަފާރި

އެސްޓީއޯ ސިންގަޕޯއިން ބައިނަލް އަގުވާމީ ތެލުގެ ވިޔަފާރި ވަރުގަދަ ކުރަނީ

Apr 12, 2015

އެސްޓީއޯ ސިންގަޕޯ ކުންފުނީގެ މަސައްކަތް ވަރުގަދަކޮށް، ބައިނަލް އަގުވާމީ ތެލުގެ ވިޔަފާރީގެ ތެރެއަށް ނުކުތުމަށް ގިނަ މަސައްކަތްތަކެއް ފަށައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މަސައްކަތް މަޑުޖެހިފައިވާ ސިންގަޕޯ ކުންފުނީގެ މަސައްކަތް ހަލުވި ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"މަސައްކަތް ކުރަމުން މިދަނީ ބައިނަލްއަގުވާމީ ވިޔަފާރި ފުޅާ ކުރުމަށް. އެ މަސައްކަތުގެ ދަށުން އެސްޓީއޯ ސިންގަޕޫ އެކްސްޕެންޑް ކުރަން މަސައްކަތް މިކުރަނީ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯ ސިންގަޕޫރު ކުންފުނީގެ މަސައްކަތް ފުޅާކުރަން މަސައްކަތް ކުރާއިރު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މައްސަލަތަކެއްގެ ސަބަބުން މަޑުޖެހިފައިވާ ސިންގަޕޯ ކުންފުނީގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭން ބޭރުގައި ކަމަށް އެމްޑީ ޝާހިރު ވިދާޅުވި އެވެ.

" އިންޓަނޭޝަނަލް ޓްރޭޑަކީ އެހާ ފަސޭހަކަމެއް ނޫން. އަޅުގަނޑުމެން އިންޓަމީޑިއެޓް ރޯލެއް މި ކުޅެން ޖެހެނީ. ބޮޑަށް ފޯކަސް މި ކުރަނީ ސިންޕޯގައި ކުރަން. ރާއްޖޭގައި ކުރީމަ ވާ ގޮތަކީ ރާއްޖޭގެ ކުންފުންޏަކުން އެޕްރޯޗް ކުރީމަ ދެކޭ ގޮތް ތަފާތު ވޭ. އެހެންވެ ސިންގަޕޯ ސައިޑުން މި ކުރަނީ. ވަރަށް ބޮޑު މަސައްކަތެއް އެއީ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯއަކީ ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވުމުން ތެޔޮ ވިއްކާ ބޮޑެތި ކުންފުނިތަކާއި މެދު ގުޅުން އޮތުމަކީ ފައިދާކުރާނެ ކަމެއް ކަމަށެވެ.