ކުޅިވަރު

ގްރީން އާއި ވެލެންސިއާ މިފަހަރުވެސް އެއްވަރު

Jun 25, 2017

މާލޭ ލީގްގެ ދެ ވަނަ ބުރުގައި ގްރީން ސްޓްރީޓާ ވެލެންސިއާ ކުޅުނު މެޗު 1-1 ން އެއް ވަރުވެގެން މި ފަހަރުވެސް ނިމިއްޖެ އެވެ.

މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗުވެސް ނިމުނީ، ހަމަ މިނަތީޖާއިން އެއްވަރު ވެގެން ނެވެ. އަދި އެއީ ފުރަތަމަ ބުރުގައި ވެލެންސިއާ ޕޮއިންޓެއް ލިބުނު ހަމަ އެކަނި މެޗެވެ. މި އަހަރު، ވެލެންސިއާ މޮޅު ވެފައި ވަނީވެސް އެންމެ މެޗަކުން ނެވެ. އެއީ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި، ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީ އަތުން ނެވެ.

ވެލެންސިއާގެ ކޯޗް އަހްމަދު މުޖުތޮބާ (ފެސްކޯ) ބުނީ ޕޮއިންޓެއް ނުލިބި އެހާ ގިނަ ދުވަސްތަކެއް ހޭދަ ވުމަށްފަހު، ޕޮއިންޓެއް ލިބުމަކީ ވެސް ހިތްހަމަ ޖެހުމެއް ކަމަށެވެ.

"މިއީ ބޮޑު ހިތްހަމަ ޖެހުމެއް، ޕޮއިންޓެއް ނުލިބި ގިނަ މެޗުތަކެއް ދިޔުމަށްފަހު މިހާރު ޕޮއިންޓެއް ލިބުމަކީ ރަނގަޅު ފެށުމަކަށް ވެގެންދާނެ" ފެސްކޯ ބުންޏެވެ.

މެޗުގެ ފުރަތަމަ ލީޑް ނެގީވެސް ވެލެންސިއާ އިން ނެވެ. މެޗުގެ 10 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ، އޮމަޑޫ ގޮޑްފްރޭ ވެސްޓް ކާމިޔާބު ކުރި ޕެނަލްޓީން ނެއެވެ. އެ ޕަނަލްޓީ އަކީ، ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން، ވެލެންސިއާ ކުޅުންތެރިޔަކަށް ގްރީންގެ ޑިފެންޑަރު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ވެސްޓް ޕެނަލްޓީ ފޮނުވާލީ، ގްރީންގެ ކީޕަރު ޖޫން ކޮޗީ ޑައިވް ކުރި ފަޅި އަށެވެ. ޖޫންގެ ހަރަކާތް ރަނގަޅު ނަމަވެސް، ޕެނަލްޓީ ގޯލް ތެރެއަށް ވަނީ އޭނާގެ އަތުގައި ނުޖެހި އެވެ.

ގްރީންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، 28 ވަނަ މިނެޓްގައި ސޮބެލް އިލިއާ އެވެ. އޭނާ ލަނޑު ޖެހީ، ގްރީންއިން އުފެއްދި ހަމަލާއެއް ވެލެންސިއާގެ ޑިފެންސަށް ރަނގަޅަށް ކްލިއާ ނުކުރެވުމުން، ލިބުނު ފުރުސަތެއްގަ އެވެ.

ލަނޑަށްފަހު، ގްރީން ވަނީ ނަތީޖާ އަނބުރާ ލުމަށް ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްފަ އެވެ. ދެ ވަނަ ހާފުގައި، އެ ޓީމުން ނުރައްކާ ކޮށް ފޮނުވާލި ދެތިން ބޯޅައެއް ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ އޭނާ އަށެވެ.

ލިބުނު ފުރުސަތުތައް ގްރީން އަށް ނިންމާ ނުލެވުނަސް، އެޓީމުގެ ކޯޗް ސޮބާ ބުނީ ނަތީޖާ އާއި ކުޅުންތެރިން ކުރި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. މެޗަށް ނިކުތުމުގެ ކުރިންވެސް އޭނާ ބުނީ، މެޗުން މަދުވެގެން ޕޮއިންޓެއް ލިބުނަސް އޭނާއަށް ފަރުޖައްސާ ލެވޭނެ ކަމަށެވެ.

ސޮބާ ބުނީ، މެޗުގައި ކުޅުންތެރިންނަށް އެންމެ ބޮޑަށް ކުރިމަތިވީ، ރޯދަ މަސް ކަމުން އެކަމުގެ އުނދަގޫ ކަމަށެވެ. "ކުޅުމާ މެދު ހިތްހަމަޖެހޭ، އެކަމަކު ރޯދަ މަސްވީމަ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލި ކަން ފެނިގެން ދިޔައީ." ސޮބާ ބުންޏެވެ.

މި މެޗަށްފަހު، ފިތުރު އީދުގެ ތިން ދުވަހަށް، ލީގް މެޗުތައް މެދު ކަނޑާ ލުމަށްފަހު، އަލުން ފަށާނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަ ކުރާނީ، އީގަލްސް އާއި ވިކްޓަރީ އެވެ. އެ ރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ، މާޒިޔާ އާއި ޔުނައިޓަޑް ވިކްޓަރީ އެވެ.