ހަބަރު

ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި

Jun 25, 2017

ފިތުރު އީދު ނަމާދު، މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތް ހަދައިގެން މިއަދު ހެނދުނު ކޮށްފި އެވެ. ސްޓޭޑިއަމް ސަރަހައްދުގައި މިއަދު ބޭއްވި ބޮޑު ޖަމާއަތުގެ ނަމާދުގައި އެތަކެއްހާސް މީހުން ބައިވެރިވެ އީދު ނަމާދު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

ސްޓޭޑިއަމްގެ ސަރަހައްދުގައި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު ކުރި އިރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ވެސް ބޮޑު ޖަމާއަތް ހެދި އެވެ. އަދި ވިލިމާލޭގައި ބޯޅަދަނޑުގައި ވެސް އީދު ނަމާދު ބޮޑު ޖަމާއަތެއް ހެދި އެވެ.

މިއަދުގެ އީދުގެ ނަމާދުގެ ހުތުބާގައި ރޯދައިގެ މަތިވެރި އަޅު ކަމަށް ފަހު ވެސް އަޅުކަމުގައި ސާމިލުވެ އުޅުން ދޫކޮށް ނުލައި އަޅު ކަމާއި ހެޔޮ ކަންތަތަކާއެކު ކުރިޔަށް ދިއުމަށް ނަސޭހްތެރިވިއިރު އީދު ދުވަހު އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ހާލު ބަލައި އުފާ ފާޅު ކުރުމުގެ އިތުރުން މުސްލިމް ގައުމުތަކުގައި އެހީއަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ ދުއާ ކުރުމަށް ވެސް ނަސީހަތްތެރިވި އެވެ. މީގެ އިތުރުން ދިވެހި ޒުވާނުން ރޯދަ މަހުގެ އަޅު ކަމަށް ސަމާލުކަންދިން ފަދައިން ހަ ރޯދައިގެ އަޅު ކަމަށް ސަމާލު ވުމަށް ވެސް ގޮވާލާފައި ވެއެވެ.

މިއަދު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރި އެވެ. މިދިއަ އަހަރު އީދު ނަމާދުގެ ބޮޑު ޖަމާއަތް އޮތީ އިސްލާމީ މަރުކަޒުގަ އެވެ.