ހަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ޔާމީން ތައުޒިޔާ ފޮނުވައިފި

Jun 25, 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވުމުގެ ހާދިސާ އާއި އެ ގައުމުގައި ދިން ނުރައްކާތެރި ހަމަލާއެއްގައި އެތައް ބަޔަކު މަރުވެފައިވާތީ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފަށް ރައީސް އަބްދުﷲ ޔާމީން ތައުޒިޔާ ފޮނުވައިފި އެވެ.

ޕާކިސްތާނުގައި ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. އަދި ޕާކިސްތާނުގެ ބަހަލްވަޕޫރުގައި ތެޔޮ ޓޭންކަރެއް ގޮވުމުގެ ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ. އެކަމާ ގުޅިގެން ރައީސް ޔާމީން ވަކިން ފޮނުއްވެވި ދެ މެސެޖުގައި އެ ހަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޓެރަރިޒަމްގެ މި އަމަލު ކުށްވެރި ކުރައްވާފައިވެއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުވެ ތިބޭނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިހްލާސްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ހަމްދަރުދީ ރައްދުކޮށްދެއްވުމަށްވެސް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.