ހަބަރު

މޫސުން ގޯސްވެ ބެލޫން ފެސްޓިވަލް މާދަމާއަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫން އެރުވުން ބާއްވަން މިއަދަށް ތައްޔާރު ކުރި ފެސްޓިވަލް މާދަމާ އަށް ފަސްކޮށްފި އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހި އޮތް މި ފެސްޓިވަލް މާދަމާއަށް ފަސް ކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ހޮޓް އެއަ ބެލޫން ފެސްޓިވަލްގައި ބައިވެރިވުމުން ގިނަ އަދަދެއްގެ މީހުން މިއަދު ސެންޓްރަލް ޕާކަށް ޖަމާވެސް ވިއެވެ. އަދި އެ ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެކަނބަލުން ބައިވެރިވުމަށް ވެސް ކުރިން އޮތީ ރޭވިފަ އެވެ. ނަމަވެސް ފެސްޓިވަލް ފަށުމުގެ ތައްޔާރީތައް ވަނިކޮށް ހުޅުމާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބެލޫން އެރުވޭ ގޮތެއް ނުވި އެވެ.

ނަމަވެސް ވާރޭ ހުއްޓާލުމުން މި ފެސްޓިވަލް އިންތިޒާމް ކުރާ ޔުނިކްސް ސްޕޯޓިން އިން ވަނީ އޮފިޝަލުންނާއެކު އެއް ހޮޓް އެއާ ބެލޫން ވަޔަށް އަރުވައިފަ އެވެ. ޔުނިކްސް ސްޕޯޓިންގެ އިސް އޮފިޝަލަކު މިއަދު "އަވަސް" އަށް ވިދާޅުވީ މޫސުން ތަން ނުދިނުމުގެ ސަބަބުން ޓިކެޓު ގަތް ފަރާތްތަކަށް ބެލޫންއަށް އެރުމުގެ ފުރުސަތު ދެވިފައި ނުވާ ކަމަށެވެ. ނަމަވެސް މާދަމާ އާއި އޭގެ އަނެއް ދުވަހުގައި މި ފެސްޓިވަލް ކުރިޔަށް ގެންދާނެ ކަމަށާއި ޓިކެޓު ގަތް ހުރިހާ ފަރާތްތަކަށް ވެސް ހޮޓް އެއާ ބެލޫންއަށް އެރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ބެލޫން ފެސްޓިވަލް ކުރިޔަށް ނުގެންދެވުނަސް ސެންޓްރަލް ޕާކުގައި މިރޭ ހަބޭސް ގްރޫޕްގެ ޝޯ ކުރިޔަށް ދެ އެވެ. އަދި ފެސްޓިވަލްގައި ހިމެނޭ ސްޓޯލްތައް ވެސް ކުރިޔަށް ގެންދެ އެވެ. ކުރިން މި ފެސްޓިވަލް މި ތާރީހަށް ފަސް ކުރީ ވެސް މި ދުވަސްވަރު މޫސުން ރަނގަޅުވާނެ ކަމަށް ބަލައިގެނެވެ.