ހަބަރު

އަތޮޅުތަކުން ފުރާ އުޅަނދުތައް ވެސް އަންނަނީ ބަލަމުން: ކޯސްޓްގާޑް

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންތައްތައް ހުރި ނެތް ގޮތް ބެލުމަށް ކުރާ މަސައްކަތުގައި މާލޭގެ އިތުރުން އަތޮޅުތަކުން ފުރާ އުޅަނދުތައް ވެސް ބަލައި ފާސް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބުރާހީމް އާޒިމް އަވަސް އަށް ވިދާޅުވީ އީދު ޗުއްޓީ ނިމިގެން މީހުން މާލެއަށް ދަތުރުކުރަން ފެށުމުން އަތޮޅުތަކުން ފުރާ އުނދުތައް ބަލަން ކޯސްޓްގާޑުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

" ޗުއްޓީގައި ގިނައިން އުޅަނދުތައް މި ފުރަނީ މާލޭން. އެހެންވީމަ މާލެއިން ފުރާ އުޅަނދުތައް ބޮޑަށް މި ޗެކް ކުރަނީ. އެކަމަކު އަތޮޅުތަކުގައި ވެސް މިހާރުވެސް އުޅަނދުތައް ޗެކް ކުރަމުން އަންނަނީ. ޗުއްޓީ ނިމިގެން މީހުން މާލެއަށް ދަތުރު ކުރަން ފެށުމުން ބޮޑަށް ސަމާލުކަން ދޭނެ،" އޭނާ ވިދާޅުވިއެވެ.

ކޯސްޓްގާޑުން މިއަދު ބުނީ މާލޭ ސިޓީން މިހައިތަނަށް 84 އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ބުނީ ސަލާމަތީ ކަންތައްތައް ފުރިހަމައަށް ނެތުމުން ފަސް އުޅަނދެއް ފުރުން ހުއްޓުވާފައިވާ ކަމަށެވެ. ކަނޑު އުޅަނދުތަކުގައި ސަލާމަތީ ކަންތައްތައް ފުރިހަމަތޯ ބަލައި ފާސްކުރުން އަދިވެސް ކުރިއަށްދާނެ ކަމަށް ވެސް ބުންޏެވެ.