ހަބަރު

ރައްކާތެރިވޭ، އުދަ އެރުން އެކަށީގެންވާ

އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް މިއަދު ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ. މެދު ރާއްޖެ ތެރެއަށް އެންމެ ދިޔަވަރު ބޮޑުވާނީ ހަވީރު 3:30 ހާއިރު އެވެ. އުތުރަށް ބޮޑުވާނީ 4:40 ހާއިރު އެވެ.

މެޓް އޮފީހުގެ ވެދާ ފޯކާސްޓަރެއް ވިދާޅުވީ، އާންމުކޮށް އުދަ އަރާ ރަށްތަކަށް މިއަދު ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ރ. އިނގުރައިދޫއަށް މިއަދު އުދަ އަރާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. މާލެ ކާނިވާ ސަރަހައްދާއި ރާޅުގަނޑު ސަރަހައްދަށް ވެސް ވަރަށް ބޮޑަށް އުދަ ވަނީ އަރާފަ އެވެ.

މިއަދާއި މާދަމާގެ މޫސުން އާދައިގެ ގޮތެއްގެ ރަނގަޅުވާނެ އެވެ. ނަމަވެސް ވައި ބާރުވާނެ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތުގައި، ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ވެދާ ފޯކާސްޓަރު ވިދާޅުވި ގޮތުގައި، މި ދެ ދުވަހު މޫސުން އެހާ ގޯސް ނުވި ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން މޫސުން ގޯސްވެ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެ އެވެ. އެ ވިއްސާރަ ދެތިން ދުވަހަށް ދެމިގެން ގޮސްދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

އުދައަށް ރައްކާތެރިވޭ

އުދައިގެ އަސަރު ނުވަތަ ލޮނުގަނޑު ރަށުތެރެއަށް ވަދެ ގެދޮރަށް ވަންނަ ކަމުގައި ވާނަމަ ގެއަށް ލޮނުގަނޑުވަނުން ކޮންޓްރޯލް ކުރުމަށް ވެލިބަސްތާ ފަދަ އެއްޗެހި ބޭނުންކޮށްގެން ލޮނުގަނޑު ގެއަށް ވަނަ ނުދިނުމަށާއި ގެއަށް ލޮނުގަނޑު ވަންނަކަމުގައި ވާނަމަ ހިފާގެންގުޅޭ ތަކެއްޗާއި އަދި އިލެކްޓްރޯނިކްސް ސާމާނު ލޮނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލުކުރުން މުހިންމެވެ.

މީގެ އިތުރުން ލިބިދާނެ ގެއްލުން ކުރިޔާލާ ދެނެގަނެ ކުރިޔާލާ އަވަސް ފިޔަވަޅުތަކެއް އަޅާ އުދަ އަރާ ދިމާލުގައި ހުންނަ އޮޔާދާނެފަދަ ތަކެތި އެހެން ތާކަށް ބަދަލުކުރުން ނުވަތަ އޮޔާ ނުދާނެ ފަދަ ގޮތަކަށް ބަނދެ ހައްޔަރު ކުރުމަކީ ވެސް އެޅިދާނެ ފިޔަވަޅެކެވެ.