ހަބަރު

އެމްޑީޕީ އެނބުރެނީ އެކެއްގެ ވަށައިގެން: މޫސަ

Jun 27, 2017
4

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އަހަރީ ދުވަހު އެ ޕާޓީއަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް އިއްޔެ 12 އަހަރު ފުރުނުއިރު ރޭ މޫސަ ކުރެއްވި ޓްވީޓެއްގައި، އެމްޑީޕީއަކީ އެކެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފަ އެވެ. ނުސީދާކޮށް މޫސަގެ ހަމަލާ އަމާޒުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ.

ރީކޯ މޫސަ ވިދާޅުވީ، އެއްވެސް ސިޔާސީ ފިކުރަކީ ވަކި މީހަކަށް މިސްރާބު ހިފައިގެން ގެންދެވޭ ފިކުރަކަށްވާނަމަ ޑިމޮކްރަޓިކް ހަމަޔާއި އުސޫލުގެ ވާހަކަ ދެއްކުމެއް ނެތް ކަމަށެވެ.

"12 އަހަރުވީއިރު އެކެއްގެ ވަށައިގެން އެނބުރޭ އެކެއްގެ ބުއްދިއަށް ތަބާވާންޖެހޭ ޕާޓީއަކަށް އެމްޑީޕީ ހަދާފައިވާއިރު މިއަދު ވެސް ވެރިކަމަށް މަރުފަލި ޖަހަނީ،" މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ، ބުރަ ކަމާއި ނާމާންކަމުގައި އަނިޔާ އާއި ފިއްތުންތަކުގައި މިނިވަން ކަމަށް މަސައްކަތް ކުރި އެތައް ބަޔަކު އެމްޑީޕީއިން ހަނާކޮށްފައިވާ ކަމަށެވެ.