ހަބަރު

އަލިފުށީ ކަރަންޓުގެ މައްސަލަ އަދިވެސް އެއްކޮށް ހައްލު ނުވޭ

ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެ ކަރަންޓު ކެނޑުނު، ރ. އަލިފުށީގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ނުވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ ރައީސް އަބުދުލް ރާޒީ ވިދާޅުވީ އެރަށުގެ ކަރަންޓްގެ މައްސަލަ އަދިވެސް މުޅިން ހައްލުނުވާ ކަމަށާއި ރަށުން އަދިވެސް ކަރަންޓު ކެނޑެމުންދާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށް އިތުރު ޖަނަރޭޓަރެއް ރަށަށް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާޒީ ވިދާޅުވި އެވެ.

"ކަރަންޓްގެ ހާލަތު އަދިވެސް ވަރަށް ގޯސް. މިއަދު ވަނީ އިތުރު ޖަނަރޭޓަރެއް ރަށަށް ގެނެވިފައި. ޖަނަރޭޓަރަށް ގުޅާ ކޭބަލް ގެނެއުމުގެ މަސައްކަތް ދަނީ ކުރެވުމުން. ކޭބަލް ގެނެސްގެން ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާނެ."

ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ، އެރަށަށް ދޫކޮށްފައިވަނީ ވަގުތީ ކަރަންޓެއް ކަމުން އެރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމުގެ ގޮތުން މިއަދު ހެނދުނު ކިލޯ 200 ވޯޓް ގެ ޖަނަރޭޓަރެއް އެރަށަށް ފޮނުވާފައިވާ ކަމަށާއި އެ ޖަނަރޭޓަރު އިންސްޓޯލް ކޮށް މާދަމާ މެންދުރު ހިދުމަތް ދޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ކަރަންޓްގެ ހިދުމަތް އާންމު ހާލަތަކަށް ގެނެވެންދެން ކަރަންޓު ނުދިނުމަށް ރައްޔިތުން އެދިފައިވާތީ އެރަށުން މިހާރު އެއްކޮށް ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ.

"އެރަށަށް ދޫކޮށްފައިވަނީ ވަގުތީ ކަރަންޓެއް. އެހެން ކަމުން ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭ. ފެނަކައިގެ އިތުރު ސްޓާފެއް މިހާރު ވަނީ އެރަށަށް ފޮނުވިފައި. މައްސަލަ އެއްކޮން ހައްލުކޮށް އެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން." ޝަރީފް ވިދާޅުވި އެވެ.

އަލިފުށިން އެންމެ ފުރަތަމަ ކަރަންޓު ގޮސްފައިވަނީ އިއްޔެ ހެނދުނު އެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން ކަރަންޓު ދެ އެވެ.

އަލިފުށީގައި ހުންނަނީ 400 ކިލޯ ވޯޓްގެ ޖަނަރޭޓަރަކާއި 600 ކިލޯ ވޯޓްގެ ޖަނަރޭޓަރެކެވެ. އެ ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން އެކަށީގެންވާ ވަރަށް ކަރަންޓު އުފައްދައިދީފައެއް ނުވެ އެވެ.

ތިން ހާހެއްހާ މީހުން ދިރިއުޅޭ އަލިފުށީގައި މީހުން ދިރިއުޅޭ 400 އެއްހާ ގޭބިސީ ހުރެ އެވެ.