ހަބަރު

ކުރީގެ ފައިސާ ފޮތިތަކެއް ސަލްޓަންޕާކުން ފެނިއްޖެ

ދެ ގަރުނަކުރިން ބޭނުން ކޮށްފައިވާ ރިހި ފައިސާ ފޮތިތަކެއް ސަލްޓަންޕާކުން ފެނިއްޖެ އެވެ.

ސަލްޓަންޕާކު ތަރައްގީ ކުރަން އެތަން ކޮންނަނިކޮށް ގިނަ އަދަދެއްގެ ފައިސާ ފޮތިތަކެއް ފެނިފައި ވަނީ ރޯދަ މަހުގެ ފަހު ހަފްތާގައި އެވެ. އެ ފައިސާ ފޮތިތަށް މިހާރު ވަނީ ހެރިޓޭޖް ޑިޕާޓްމަންޓާ ހަވާލުކޮށްފަ އެވެ.

ހެރިޓޭޖުން ބުނީ ސަލްޓަންޕާކު ކޮންނަނިކޮށް ގިނަ އަދަދެއްގެ ފައިސާ ފޮތި ތަކެއް ފެނިފައިވާ ކަމަށާއި އެތަކެތި އިތުރަށް ދިރާސާ ކުރުމުންދާ ކަމަށެވެ. އަދި ފެނިފައިވާ ރިހި ފައިސާ ފޮތިތަކަކީ މީގެ ދެ ގަރުނަ ކުރިން ބޭނުން ކޮށްފައިވާ ފައިސާ ފޮތި ތަކެކެވެ. އެ ފައިސާ ފޮތި ތަކަކީ އީސްޓް އިންޑިއާގެ ކުންފުންޏަކަށް ނިސްބަތްވާ ފައިސާ ފޮތިތަކެއް ކަމަށް ހެރިޓޭޖުން ބުންޏެވެ.

ހައުސިން މިނިސްްޓްރީގެ ފަރާތުން ސަލްޓަންޕާކް ތަރައްގީ ކޮށް ޕާކެއް ހެދުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ. ނަމަވެސް މަސައްކަތް ލަސްވެ ކުރިއަށް ނުދިއުމުގެ ސަބަބުން އެ މަސައްކަތް މިހާރު ކުރިއަށް ގެންދަން ހަވާލު ކޮށްފައިވަނީ އެމްއެންޑީއެފް އެވެ. ސަލްޓަންޕާކް ހުޅުވާނެ ވަކި ދުވަހެއް އަދިވެސް ކަނޑައެޅިފައެއް ނުވެއެވެ.