ހަބަރު

ޝުޖާއުގެ ވަރުގަދަ ރައްދެއް އިދިކޮޅު ފަރާތްތަކަށް

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އިއްޔެ ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާ އަނެއްކާވެސް އިދިކޮޅު ފަރާތްތަކާ ގުޅެން އުޅޭކަމުގެ އަޑުތައް އަރާފައިވަނިކޮށް އެކަން ދޮގުކޮށް އޭނާ މިއަދު ޓްވީޓެއް ކުރައްވައިފި އެވެ. އޭނާގެ ޓްވީޓްގައި ޝުޖާއު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ މެސެޖެއް ވެސް ދެއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެކަމަށް 42 މެންބަރުންގެ ސޮއި ބޭނުންވެ އެވެ. އިދިކޮޅު މެންބަރުން ވިދާޅުވަނީ އެ އަދަދު ހަމަވާނެ ކަމަށާއި އުފާވެރި މަންޒަރުތަކެއް އީދު ބަންދަށްފަހު މަޖިލިސް ހުޅުވުމުން ފެންނާނެ ކަމަށެވެ.

އެ މެންބަރުން ވިދާޅުވާ ގޮތުގައި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. އަދި އިދިކޮޅާ ގުޅެން ވަރަށް ގިނަ މެންބަރުން ތިއްބެވީ ތައްޔާރަށެވެ.

އިދިކޮޅު މެންބަރުން އެވާހަކަތައް ތަކުރާރު ކުރައްވާ އިރު، މެންބަރު ޝުޖާއު އިއްޔެ ވަނީ "މަށަކަށް ކެތެއް ނުކުރެވޭނެ" ކަމަށް ދޭހަވާ އިބާރާތްތަކަކުން އިއްޔެ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓާ ގުޅިގެން ޝުޖާއު އިދިކޮޅު ފަރާތްތަކާ ގުޅެން އުޅޭކަމުގެ އަޑުތަކަށް ބާރު ލިބުނެވެ. އަދި، އޭނާގެ ސްޑޭންޑަކީ ކޮބައިން ނޭނގި އޮޅުނެވެ. ނަމަވެސް މިއަދު ޝުޖާއު ވަނީ ޓްވީޓެއް ކުރައްވައި އޭނާ އަދިވެސް ހުންނެވީ ރައީސް ޔާމީންއާއެކުކަން ހާމަ ކުރައްވައި ވަރުގަދަ މެސެޖެއް ދެއްވައިފަ އެވެ.

ޝުޖާއު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ބޭނުންވާ އަދަދު އިދިކޮޅަށް ހަމަނުކުރެވޭނެ ކަމަށެވެ. އެކަން ކުރެވޭނެ ފޯމިއުލާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވޯޓަކުން ރައީސް ޔާމީން ބަލި ނުކުރެވޭނެ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ސުޖާއު ގޮންޖެއްސެވި އެވެ. އެހެން ކަމުން ސުޖާއުގެ ސްޓޭންޑް މި ވަނީ ވަރަށް ފުރިހަމަޔަށް ސާފުވެގެން ގޮސްފަ އެވެ.

ރައީސް ޔާމީންއަށް ތާއިދު ކުރައްވާ ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ވެސް މިއަދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބަށް ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަންގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަން ޔަގީން ކަމަށެވެ. އަދި އެ އިންތިހާބު ކާމިޔާބު ވެސް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަހާލު ވިދާޅުވެފައިވަނީ، ޕީޕީއެމްގެ މެންބަރުންގެ ފުރިހަމަ ތާއީދު ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް އެބައޮތް ކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކުން އެ ތާއީދެއް ނުގެއްލޭނެ ކަމަށެވެ. ފަލާހު ވިދާޅުވީ ޕީޕީއެމްގެ ޕީޖީގެ މެންބަރަކު އެ ޕާޓީއާ ވަކިވެގެން ނުދާނެ ކަމަށެވެ.