ކުޅިވަރު

ޑެލޯފެއު އެނބުރި ބާސާއަށް

Jul 1, 2017

އެވަޓަންއަށް ކުޅެމުންދިޔަ، ސްޕެއިންގެ 21 އަހަުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ޖަރާޑް ޑެލޯފެއު އޭނާގެ ކުރީ ކުލަބު ބާސެލޯނާއަށް ސޮއި ކޮށްފި އެވެ.

ޑެލޯފެއު އަކީ އަންނަ ސީޒަނަށް ތައްޔާރުވުމަށް، ބާސާއިން، މި ހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި، އެންމެ ފުރތަމަ ސޮއި ކުރުވި ކުޅުންތެރިޔާ އެވެ. ބާސާއިން އަލުން އޭނާ ގެނައީ، 12 މިލިއަން ޔޫރޯގެ އަގަކަށެވެ. އެވަޓަންއާއެކު ޑެލޯފެއު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރީ 2015 ވަނަ އަހަރު އެވެ.

އެވަޓަން އާއި ބާސާއާ ދެމެދު، އޭރު ވެވުނު އެއްބަސް ވުމުގައިވާ ގޮތުން، ބާސާ ބޭނުން ވެއްޖެނަމަ، އަލުން އޭނާ ގެންދިއުމުގެ ފުރުސަތު ބާސާ އަށް ލިބެ އެވެ. ކުޑަ އަގެއްގައި، ބާސާއަށް ޑެލޯފޫ ލައްވައި އަލުން ސޮއި ކުރެވުނީ އެ އެއްބަސްވުމުގެ ދަށުން ނެވެ.

ޑެލޯފެއު ވަނީ، ޕެޕް ގާޑިއޯލާގެ ކޯޗް ކަމުގެ ދަށުން، ބާސާގެ ސީނިއާ ޓީމަށް ކުޅެފަ އެވެ. ބާސާގެ ސީނިއާ ޓީމުން އޭނާއަށް ފުރުސަތު ދިން އިރު އޭނާގެ އުމުރުން 17 އަހަރެވެ.

ނަމަވެސް މިހާރު އުފެދޭ ސުވާލަކީ، ލުއިސް ސުއަރޭޒް އާއި ނޭމާ އާއި ލިއޮނަލް މެސީގެ ކައިރިން އޭނާއަށް ބާސާގެ ޓީމުން ޖާގަ ލިބޭނެ ބާވައެވެ. ނަުަވަތަ ބާސާގެ މިހާރުގެ ކޯޗް އެރުނަސްޓޭ ވަލްވަރުޑޭ އަށް ޑެލޯފެއު އާ މެދު އިތުބާރު ކުރެވޭނެ ހެއްޔެވެ.

ޑެލޯފެއު މެދު އިތުބާރު އޮތް ކަމަށް ބުނީ އޭނާގެ ކުރީގެ ކޯޗް ގާޑިއޯލާ އެވެ. "ވަން އޮން ވަން އެޓޭކްގައި ޑެލޯފެއު އަކީ ވަރަށް އިތުބާރު ބޮޑު ކުޅުންތެރިޔެއް،" ގާޑިއޯލާ ބުންޏެވެ. "އޭނާ އަކީ ވަރަށް ހަލުވި ވަރުގަދަ ކުޅުންތެރިޔެއް ނަަމަވެސް އޭނާގެ ދިފާއީ ހުނަރާ މެދު ފާޑު ކިޔުން އަމާޒުވާ ކުޅުންތެރިޔެއް އެކަމަކު އަހަންނަށް ހީވަނީ މިހާރު އޭނާ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފި ހެން."

މި ޓްރާންސްފާ ޕީރިއަޑްގައި، ބާސާއިން، އެންމެ ބޮޑަށް މަސައްކަތް ކުރަނީ، ޕީއެސްޖީގެ މިޑްފީލްޑާ މާކޯ ވަރާޓީ ލައްވައި ސޮއި ކުރުމަށެވެ. އޭނާ ނުލިބިއްޖެމނަމަ ބެކަޕް ޕްލޭންތަކެއްވެސް ބާސާއިން ވަނީ އެކުލަވާލާފަ އެވެ.