ހަބަރު

އިދިކޮޅަށް މުއިއްޒުގެ ރައްދު: އުޅެނީ އަމިއްލަ ފައިދާއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފައިދާތަކެއް ނުހައްގުން ހޯދަން ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުންނަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެކަމަށް 42 މެންބަރުންގެ ސޮއި ބޭނުންވެ އެވެ. އިދިކޮޅު މެންބަރުން ވިދާޅުވަނީ އެ އަދަދު ހަމަވާނެ ކަމަށާއި އުފާވެރި މަންޒަރުތަކެއް އީދު ބަންދަށްފަހު މަޖިލިސް ހުޅުވުމުން ފެންނާނެ ކަމަށެވެ.

ސަރުކާރު ކޯލިޝަންގެ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސީހު ވަކިކުރަން އުޅެނީ ސިޔާސީ އަދި މާލީ އަމިއްލަ ފައިދާތަކެއް ނަހަމަ ގޮތުގައި ހޯދަން ބޭނުންވެގެން އުޅޭ، ގައުމަށް ހެޔޮ ނޭދޭ ބައެއް ކަމަށެވެ.

އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. އަދި އިދިކޮޅާ ގުޅެން ވަރަށް ގިނަ މެންބަރުން ތިއްބެވީ ތައްޔާރަށެވެ. ނަމަވެސް ޕީޕީއެމްގެ އިސް މެންބަރުން އެ ވާހަކަތައް ދޮގު ކުރައްވަ އެވެ.

ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަހާލު ވިދާޅުވެފައިވަނީ، ޕީޕީއެމްގެ މެންބަރުންގެ ފުރިހަމަ ތާއީދު ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް އެބައޮތް ކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކުން އެ ތާއީދެއް ނުގެއްލޭނެ ކަމަށެވެ. ފަލާހު ވިދާޅުވީ ޕީޕީއެމްގެ ޕީޖީގެ މެންބަރަކު އެ ޕާޓީއާ ވަކިވެގެން ނުދާނެ ކަމަށެވެ.