ހަބަރު

ފޮނަދޫއަށް ބޯކޮށް ވާރޭވެހި ގެއްލުން ވެއްޖެ

ލ. ފޮނަދޫ އަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެރަށަށް ގެންލުން ތަކެއް ވެއްޖެ އެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ރޭ 9:00 އެހާއިރު ވެހެންފެށި ވާރޭ ދެގަޑި އެއްހާއިރު ވަންދެއް ހުއްޓުމެއް ނެތި ބޯކޮށް ވެހެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑު ވެފައިވާ ކަމަށެވެ. އަދި އެރަށަށް ރޭ ކުރި ވިއްސާރާގައި ދެ ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރޭ ކުރި ވިއްސާރާގައި 10 ވަރަކަށް ގެއަށް ފެން ވަދެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ގެ އެއްގެ ފަރުނީޗަރަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ރޭ ކުރި ވިއްސާރާގައި އެއް ފޫޓަށްސ ވުރެ މައްޗަށް ފެންބޮޑުވެފައިވާ ކަމަށާއި ނަމަވެސް މިހާރު ވަރަށް ބޮޑަށް ފެން ހިނދިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"ވަޅު ގަނޑާއި ކޯރު ކެނޑުމުގެ ސަބަބުން ވަރަށް ބޮޑަށް ފެން ހިނދިފައިވަނީ. އަދިވެސް ބައެއް ބޮޑެތި މަގުތަކުގައި ފެން ހެދިފައި ހުރީ. އެކަމުގެ ސަބަބުން ބައެއް ދުއްވާ އެއްޗެއްސަށް އުނދަގޫ ވާ ކަމުގެ ޝަކުވާ ލިބެމުންދަނީ." ރިޔާޒް ވިދާޅުވި އެވެ.

މާލެއާއި ރާއްޖޭގެ މެދާއި އުތުރުގެ އަތޮޅުތަކަށް މިއަދު ވެސް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ލަފާކޮށްފި އެވެ. އަދި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އެބަައޮތް ކަމަށް ވެސް މެޓުން ބުންޏެވެ