ގައުމީ އިނާމް

ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Jul 3, 2017

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުސަތު ހާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައފި އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު ދޭން ނިންމާފައި ވަނީ ފަސް ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީއެޗްޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުމާއި މަތީ ތައުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުމާއި ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުމާއި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން، އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުމާއި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމެވެ.

ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން މިއަހަރު ހުޅުވާލީ ތިން ދާއިރާއިންނެވެ.
އެއީ ފުރާވަރުގެ އުމުރުގެ ކުދިންނަށް އިސްލާމީ ރީތި އަހުލާގުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތާއި ދިވެހި ފަންނާނުންގެ އަރަބިލިޔުމާއި ދިވެހިލިޔުމުގެ ހުނަރުވެރިކަމުގެ ކެލިގުރަފީ މުބާރާތާއި ކުޑަކުދިންނަށް ދިވެހިބަހުން "ނާވިލު" ލިޔުމުގެ މުބާރާތެވެ.

މިދެންނެވި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ކަމާބެހޭ ދާއިރާތަކުން މިހާރުވަނީ ހުޅުއްވައިލައްވާފައެވެ.

ހާއްސަ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، މިއަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހެވެ.