ދުނިޔެ

އުތުރުކޮރެއާއިން އަނެއްކާވެސް ޖަޕާނުގެ ކަނޑަށް މިސައިލެއް ފޮނުވާލައިފި

Jul 4, 2017

ޓެސްޓް ކުރުމުގެ ގޮތުން އުތުރު ކޮރެއާއިން އަނެއްކާވެސް ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފި އެވެ.

އެ ގައުމުން ކުރިން ޓެސްޓް ކުރި ބެލިސްޓިކް މިސައިލް ވެސް ފޮނުވާލާފައި ވަނީ ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަށެވެ.

ރޮއިޓާސް ބުނީ އުތުރު ކޮރެއާއިން ފޮނުވައިލި ބެލިސްޓިކް މިސައިލް އުދުއްސާލީ އެގައުމުގެ ހުޅަނގު ސަރަހައްދުން ކަމަށެވެ. އަދި ބުނީ ގާތްގަނޑަކަށް 40 މިނެޓް ވަންދެން އުދުހުމަށް ފަހު އެ މިސައިލް ވެއްޓުނީ ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ކަމަށެވެ. ޖަޕާނު ސަރުކާރުން ބުނީ އުތުރު ކޮރެއާގެ އެ އަމަލަކީ އުުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން ފާސްކޮށްފައިވާ ގަރާރުތަކާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ސީފްސް އޮފް ސްޓާފްގެ އޮފީހުން ބުނީ އުތުރުން ފޮނުވައިލި މިސައިލް ގާތްގަނޑަކަށް 580 މޭލުގެ ރާސްތާއަކަށް ދަތުރުކުރި ކަމަށެވެ. އަދި ބުނީ އެ މިސައިލް އެރީ ކިހާ މައްޗަކަށްތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންއާ އެމެރިކާގެ ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ބުނީ އުތުރު ކޮރެއާއިން ނިއުކްލިއަ ބާރު ކަނޑުވައިލަން ގުޅިގެން މަސައްކަތް ކުރަން ދެގައުމުން ވެފައިވާ ވައުދު އެ ދެބޭފުޅުން އާ ކުރެއްވި ކަމަށެވެ. އަދި ބުނީ އެމެރިކާގެ ވިޔަފާރީގެ ބައިވެރިންނާއި އެގައުމާ ދެމެދު އޮންނަ ގުޅުން ހަމަހަމަކޮށް ގެންދަވަން މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ޝީއާ ދެއްކެވި ވާހަކަފުޅުގައި ތަކުރާރުކުރެއްވި ކަމަށެވެ.

ޗައިނާގެ ރައީސާ ޓްރަމްޕް ވާހަކަފުޅު ދެއްކެވި ނަމަވެސް އުތުރުކޮރެއާގެ ނިއުކްލިއަ މަަސައްކަތްތައް ހުއްޓުވުމުގައި ޗައިނާ ނާކިޔާބު ވަމުން ދާތީ އެކަމުގެ ހިތް ހަމަ ނުޖެހުން އެމެރިކާއިން ދަނީ ވަރަށް ބޮޑަށް ފާޅުކުރަމުންނެވެ. ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު ޗައިނާއިން ކުރާ ދައުވާއަށް ގޮން ޖެހުން އެމެރިކާއިން އިތުރުކޮށްފައި ވަނީ އެހެންވެ ކަމަށް ބެލެވެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުން ވެސް ތަކުރާރުކޮށްފައި ވަނީ އުތުރުކޮރެއާއިން ކުރިމަތިކުރާ ނުރައްކަލާ ކުރިމަތިލުމަށް ތައްޔާރަށް ތިބުމުގެ ވައުދެވެ.އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފައި މިވަނީ ޑިޕްލޮމެޓިކް ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާ ދުވަސްވަރަކާ ދިމާކޮށެވެ. އެގޮތުން ހިނގި އެއް ކަމަކީ އެގައުމުގެ ނިއުކްލިއަ މަސައްކަތް ހުއްޓުވުމާ ބެހޭ ގޮތުން އެެމެރިކާއާއި ޖަޕާނާއި ޗައިނާއިން މަޝްވަރާ ކުރުމެވެ. ޖަޕާނާއި ޗައިނާގެ ވެރިންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވީ އާދީއްތަ ދުވަހުއެވެ. އަދި އެންމެ މުއްސަނދި 20 ގައުމުގެ ވެރިން ( ޖީ20ގެ ވެރިން) ޖަރުމަނުގައި ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ މިހަފްތާގެ ފަހުކޮޅުގައެވެ.