ދުނިޔެ

ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި ބޮއިލަރެއް ގޮވަައި 10 މީހުން މަރުވެއްޖެ

ބަަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާއެއްގައި އިސްތިރި ކުރުމަށް ބޭނުންކުރާ ބޮއިލަރެއް ގޮވުމުގެ ސަބަބުން 10 މީހުން މަރުވެއްޖެއެވެ.

ވެރިރަށް ޑާކާގެ ރަށްބޭރުގައިވާ މަލްޓިފެބްސް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ ކާރުޚާނާއެއްގައި އިއްޔެ ހިނގި އެ ހާދިސާގައި 10 މީހުން މަރުވުމުގެ އިތުރު އެތައް ބަޔަކު ޒަހަމްވެސްވި ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުންޏެވެ. ބަންގްލަދޭޝްގެ ފަޔަ ސާވިސްގެ ފަރާތުން ވާހަކަ ދެއްކެވި ޕަލޭޝް ޗަންދުރާ މޮޑަކް ވިދާޅުވެފައި ވަނީ ބޮއިލަރު ގޮވި ވަގުތު ނުވަމީހުން މަރުވި ކަމަށާއި 10 ވަނަ މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ބަންގަލަދޭޝް އަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އަންނައުނު އެންމެ ގިނައިން އުފައްދާ އެއް ގައުމެވެ. ޔޫރަޕްގެ މަޝްހޫރު ބްރޭންޑްތަކުގެ ގިނަ އައްނައުނަކީ އެގައުމުގައި އުފައްދާ އަންނައުނެވެ. އިއްޔެގެ ހާދިސާ ހިނގި ފެކްޓްރީ އަކީ ސްވިޑުން، ޑެންމާކް، ޖަރުމަނު، ރަޝިޔާ، ސްޕެއިންް، ނެދަލޭންޑްސް އަދި ޔޫކޭއަށް ގެންދަން އަންނަައުނު އުފައްދާ ތަނެކެވެ.

އަގުބޮޑުކޮށް ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދާ އަންނައުނު އުފައްދާ މީހުންގެ މަސައްކަތުގެ މާހައުލުގެ ދެރަކަމާއި އެމީހުންނަށް ލިބޭ އުޖޫރަ ކުޑަ ކަމާ ހެދި މަޝްހޫރު ބްރޭންޑްތައް ވިއްކާ ފަރާތްތަކަށް ކުރިން ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ. ފާޑު ކިއުންްތައް އިތުރުވީ ބަންގްލަދޭޝްގެ ދެ ކާރުޚާނާއެއްގައި ހިނގި ވަރަށް ހިތާމަވެރި ދެހާދިސާއަކަށް ފަހުގައެވެ. ފުރަތަމަ ހާދިސާ އަކީ 2012 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ. އެހާދިސާގަައި 112 މީހުން މަރުވިއެވެ. ޖެހިގެން އައި 2013 ވަނަ އަހަރު ޑާކާގައި ހުރި ، ގިނަ ކާރުޚާނާތަކެއް އެކުލެވޭ އިމާރާތެއް ވެއްޓި 1100 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.