ދުނިޔެ

ސޫރިޔާ ހަނގުރާމައިގައި ޖޫން މަހު އެކަނި 2280 އަށްވުރެ ގިނަ މަރު: މޮނިޓާ

ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި މިދިޔަ ޖޫން މަހު އެކަނިވެސް 2280 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް އެހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ޖަމާއަތަކުން ބުނެފިއެވެ.

ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް) އިން ބުނީ ޖޫންމަހު ޖުމްލަ 2282 މީހުން މަރުވި އިރު އޭގެ ތެރެއިން 740 މީހުންނަކީ އާއްމުން ކަމަށެވެ. އޭގެ ތެރޭގައި 265 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވެސް އެޖަމާއަތުން ބުންޏެވެ.

އެސްއޯއެޗްއާރްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސޫރިޔާ ސަރުކާރާއި އެސަރުކާރަށް ވާގިވެރިވާ ރަޝިޔާ ސިފައިންގެ މަތިންދާބޯޓްތަކާއި ހެލިކޮޕްޓަރުތަކުން އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 151 މީހުން މަރުވިއެވެ. އޭގެ ތެރޭގައި 40 ކުޑަކުދިންނާއި 28 އަންހެނުން ހިމެނެއެވެ. ސޫރިޔާ ސަރުކާރު ސިފައިން ރޮކެޓާއި ބޮޑުބަޑިން ދިން ހަމަލާތަކުގައި 43 މީހުން މަރުވި އިރު އޭގެ ތެރޭގައި 15 ކުޑަކުދިންްނާއި ތިން އަހެނުން ހިމެނެއެވެ.

ސޫރިޔާ ހަނގުރާމައިގައި ޖޫންމަހު މަރުވި މީހުންގެ ތެރެއިން 290 މީހަކު މަރުވެފައި ވަނީ އިސްލާމިކް ސްޓޭޓް ( އައިއެސް)އާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އުފައްދައިގެން އުޅޭ އިއްތިހާދުގެ މަތިންދާބޯޓްތަކުން ދިން ވައިގެ ހަމަލާތަކުގައެވެ. އެހަމަލާތަކުގައި މަރުވިމީހުންގެ ތެރޭގައި 46 ކުޑަކުދިންނާއި 43 އަންހެނުން ހިމެނެއެވެ.

މަރުވިމީހުންގެ ތެރޭގައި ސޫރިޔާގެ ޖަލުތަކުގައި ދިން ލާއިންސާނީ އަނިޔާތައް ދީގެން މަރައިލި 12 މީހަކާއި ސޫރިޔާ ސަރުކާރާ ދެކޮޅު ބައެއް ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތަކުގައި މަރުވި 12 މީހަކު ހިމެނެއެވެ.

އެސްއޯއެޗްއާރް އިން ޖޫން މަހު ރެކޯޑްކޮށްފައިވާ 2283 މަރުގެ ތެރޭގައި އިސްލާމިކް ސްޓޭޓް އައިއެސް އިން މަރުގެ އަދަބު ދިން 31 މީހަކު ހިމެނެއެވެ. އެމީހުންގެ ތެރޭގައި އަންހެނަކު ނުވަތަ ކުޑަކުއްޖަކު ހިމެނޭ ކަމަކަށް އެޖަމާއަތަކުން ނުބުނެއެވެ.

މަރުވި މީހުންގެ ތެރޭގައި ސޫރިޔާ ސިފައިންގެ 205 މީހަކު ހިމެނޭ އިރު އެމީހުންނަށް ވާގިވެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހިޒްބުﷲގެ 32 މީހަކު ހިމެނެއެވެ.

މަރުވި މީހުންގެ ތެރެއިން 479 މީހުންނަކީ އިސްލާމިކް ސްޓޭޓް ( އައިއެސް) އާއި ހަނގުރާމަވެރި އެހެން ދެ ޖަމާއަތެއްގެ ހަނގުރާމަވެރިންނެވެ.

ސޫރިޔާ ހަނގުރާމައަށް ހަ އަހަރު ވެފައި ވާއިރު އެ ހަނގުރާމައިގައި ބައިމިލިޔަނަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިޔަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އަހުލީ ހަނގުރާމައެއްގެ ގޮތުގައި ފެށުނު އެހނގުރާމައިގައި މިހާރު ދުނިޔޭގެ ގިނަ ގައުމުތަކެއް ވަނީ ޝާމިލުވެފައެވެ. އެގޮތުން އެހަނގުރާމައިފައި ސީދާ ގޮތުން ޝާމިލުވެފަައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާއައި ރަޝިޔާ އާއި ތުރުކީއާއި އީރާނު ހިމެނެއެވެ.