ހަބަރު

އަދީބުގެ މައްސަލައިގެ ތަހުގީގު އަދި ނުނިމޭ: އެޗްއާރްސީއެމް

ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލު ހުކުމްތަކެއް އައިސްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާމެދު ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހެޅި މައްސަލާގެ ތަހުގީގު އަދި ނުނިމޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މައްސަލަ ކޮމިޝަނަށް ހުށަހެޅި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ވިދާޅުވީ، މައްސަލައިގެ ތަފްސީލް ހޯދުމަށް އެޗްއާރްސީއެމަށް ގުޅުމުން މައްސަލަ ބަލާ ނިމި، ތަހުގީގު ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ކަަމަށް އެޗްއާރްސީއެމްއިން ބުނި ކަމަށެވެ. އަދި، އެ ރިޕޯޓް ކޮމިޝަނަށް ހުށަހެޅުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެޗްއާރްސީއެމްއިން މައްސަލައެއްގެ ތަހުގީގު ނިމުނު ކަމަށް ނިންމަނީ އެ މައްސަލައެއްގައި ނިންމާ ގޮތް މައްސަލަ ހުށަހަޅާ ފަރާތަށް އެންގުމަށްފަހު އެވެ. މި މައްސަލާގައި އަދި ހުރިހާ މަރުހަލާތަކެއް ނުނިމެ އެވެ. އެހެންކަމުން އެޗްއާރްސީއެމްގެ އޮފިޝަލަކު ވިދާޅުވީ، މައްސަލާގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

އެޗްއާރްސީއެމްއަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އަދީބުގެ ސިއްހީ ހާލަތު ދުވަހެއް ދުވަހެއް ދަށްވަމުންދާ ކަމަށެވެ. އެކި ފަހަރު މަތިން ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓްތަކުން ބޮޑެތި ސިއްހީ މައްސަލަތަކެއް އަދީބަށް ކުރިމަތިވެފައިވާކަން އެނގިފައިވާ ކަމަށެވެ.

އެގޮތުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" އަދީބަށް ޖެހިފައިވާކަން މާލެއިން ހެދި ޓެސްޓްތަކުން ކަށަވަރުވެފައިވާ ކަމަށެވެ. "ގްލޮކޮމާ" ބަލީގެ ސަބަބުން ލޮލުގެ އޮޕްޓިކް ނާވް ބަލިކަށިވެ، ފެނުމަށް އަސަރުކުރެ އެވެ.

ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައަކަށް މިހާރު އެދިފައިވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނެކަން އަންގާފައިނުވާ ކަމަށެވެ.

ރާއްޖެއިން ނުހޯދޭ ފަރުވާ ހޯދުމަށް ބޭރަށް ފުރުމުގެ ހައްގަކީ ކޮންމެ ގައިދީއަކަށް ލިބިފައިވާ ހައްގަކަށްވާއިރު ކަރެކްޝަނަލް ސާވިސްއިން އަދީބަށް އެ ހައްގު ނުދިނުމަކީ އަދީބާމެދު ތަފާތުކުރުން ކަމަށް އެޗްއާރްސީއެމްއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ. އެހެންކަމުން އެ މައްސަލަ ބަލައި، ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފަ އެވެ.