ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހަންމަދު މިއަދު ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވީ، ޕީޕީއެމްއިން ވަކިވެވަޑައިގަންނަވަން ބޭނުންވާ ކަމަށް އަންގައި ލަތީފު މިއަދު ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ލަތީފް ފޮނުވާފައިވާ ސިޓީ ލިޔުއްވާފައި ވަނީ މިދިޔަ މަހު 19 ވަނަ ދުވަހުގަ އެވެ.
އެ ސިޓީގައި ލަތީފް ވިދާޅުވީ އަމިއްލަ ކެނޑިޑޭޓެއް ގޮތުގައި ހުރުމަށް ފަހު އޭނާ ޕީޕީއެމްއާ ގުޅުނީ ދާއިރާގެ ރައްޔިތުންނާއި ޒުވާނުންނަށް ތަރައްގީ އާއި ކުރިއެރުން ހޯދުމަށް ކަމަށާއި ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި މަޖިލީހުގައި ޕީޕިއެމްއިން ނިންމި ނިންމުންތަކަކީ ރައްޔިތުންގެ ހެވައި ލާބަޔަށް ނިންމި ނިންމުންތަކެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑު ޕީޕީއެމްގެ މެންބަރަކަށް ވީތީ މިހާތަނަށް ވެސް ޕީޕީއެމް ޕީޖީ ގްރޫޕުން ނެރުން ހުރިހާ ވިޕްލައިންއަކަށް ވެސް ވަރަށް ސާބިތުކަމާއެކު ވޯޓު ދިނިން، އަދި އެ ވޯޓުތައް ދިފާއުކޮށް އެކި މީޑިއާތަކާއި ފޯރަމްތަކުގައި ގަދައަށް އަޑު އުފުލިން،" ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ މަޖިލީހުގައި ޕީޕީއެމްއިން ނިންމާ ނިންމުންތަކާއި ސަރުކާރުގެ ސިޔާސަތަކަށް ޕީޕިއެމްގެ އާންމު މެންބަރުންގެ ތާއީދު ނެތްކަން މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ފެނިގެން ދިޔަ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުން ނެރޭ ކޮންމެ ވިޕްލައިންއަކާ އެއްގޮތަށް ވޯޓު ނުދެވިދާނެތީ ޕާޓީގެ މެންބަރު ކަމުން ވަކިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.
ލަތީފު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް އިދިކޮޅު ޕެޓިޝަނުގައި ސޮއި ކުރައްވާފަ އެވެ. އޭގެ ކުރިން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަންކޮށް ދޫކޮށްލުމަށް ވެސް ލަތީފް ވަނީ ގޮވާލައްވާފަ އެވެ.