ފެނަކަ ކޯޕްރޭޝަން

ފެނަކައިން ކަރަންޓުގެ އަގު ޔުނިޓަކުން 38 ލާރި ހެޔޮކޮށްފި

ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ދެމުން އަންނަ ކަރަންޓު ޔުނިޓެއްގެ އަގުން 38 ލާރި ހެޔޮކޮށްފި އެވެ. މިބަަދަލު ގެނެސްފައި މި ވަނީ ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ތެލުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުމާ ގުޅިގެން، އެސްޓީއޯ އިން ތެލުގެ އަގު ހެޔޮ ކުރުމާ ގުޅިގެން އެވެ.

ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވީ، އެސްޓީއޯއިން އެ ކުންފުންޏަށް ވިއްކާ ތެލުގެ އަގު ހެޔޮވުމުން ފެނަކައިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުންދާ ރަށްރަށުގެ ކޮންމެ ޔުނިޓަކަށް 38 ލާރި އަގުހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ، 100 ޔުނިޓާއި 400 ޔުނިޓާ ދެމެދުގެ ފަރާތްތަކުގެ އަތުން ވެސް 30.6 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކުންފުނިން ތެލަށް ކުރަން ޖެހޭ ހަރަދު މިވަނީ ވަރަށް ބޮޑުތަން ކުޑަވެފައި. އެހެން ކަމުން ސޭވް ވާ އެއްޗެއް ވެސް ވަރަށް ބޮޑު. އަޅުގަނޑުމެން މި ބަލަނީ އެ ސޭވް ވާ އެއްޗެއްގެ ބޭނުން ހިފައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ފުރިހަމަ ކޮށްދިނުން." ޝަރީފް ވިދާޅުވި އެވެ. "ސަރުކާރުން ތެލަށް ގެނައި ބަދަލަކީ ދުނިޔޭގެ މާކެޓްގައި ތެލަށް ބަދަލު އައުމުން ގެނައި ބަދަލެއް ނޫން. ތެލުގެ އަގު މިއަށްވުރެ ބޮޑު ނުވެ ދިގު ދެމިގެންދާ ގޮތަށް ހިފެހެއްޓޭތޯ މަސައްކަތް ކުރާނަން."

ޝަރީފް ވިދާޅުވީ މިދިޔަ މަހުގެ ބިލުގައި ކޮންމެ ޔުނިޓަކަށް 38 ލާރި އަގުހެޔޮ ނުކުރާ ފަރާތްތަކަށް މި މަހުގެ ބިލުން އެބައި އުނިކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި މި މަހުން ފެށިގެން ހުރިހާ ބިލްތަކެއް ވަރަށް ބޮޑަށް އަގުހެޔޮ ވެގެންދާނެ ކަމަށެވެ.

އެސްޓީއޯ އިން މިހާރު ޑީސަލް ލިޓަރެއް ވިއްކާނީ 8.44 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއްގެ އަގަކީ 8.65 ރ. އެވެ.