ރިޕޯޓް

މެންބަރަކު މެދުވެރިކޮށް ކޮށްލަން ބޭނުން ބައެއް ސުވާލު!

Jul 4, 2017
11

އިތްޒަތްތެރި މެންބަރު އަބްދުއްލަތީފު މުހައްމަދެވެ؛ މަނިކުފާނު ހުންނެވި ޕާޓީ ދޫކުރައްވާފައި އެހެން ޕާޓީއަކަށް ބަދަލުވެ ވަޑައިގަތުމަކުން ހަމަ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކާ އެއްވެސް މީހަކަށް ނުބެހެވޭނެ އެވެ. މަޖިލީހަށް މަނިކުފާނު ވަޑައިގަތީ ލައްކަ ހާލުގައި އުޅުއްވާފައި ލައްކަ މައްސައްކަތުންނެވެ. އިހަށް ވެސް ހުންނެވި ގޮތަށް ދެންވެސް ހުންނެވިދާނެ އެވެ. އަހާ ގޮތުން ވިއްޔާ މަޖިލީހަށް ހާޒިރުވެ ވަަޑައިގަތުމުގެ ރިކޯޑް އޮންނަނީ މަނިކުފާނުގެ އަތްޕުޅުގަ އެވެ. ޕާޓީ ބަދަލު ކުރައްވަމުން ވަޑައިގަންނަވަން ބޭނުންފުޅު ކަމަށް ވަނީ ވިއްޔާ ޕާޓީ ބަދަލު ކުރެއްވުމުގައި ވެސް މަނިކުފާނަށް ރިކޯޑެއް ހެއްދެވިދާނެ އެވެ. މިއުޅޭ މީހުން ދައްކާ ވާހަކައަކަށް އަޅައެއްލާނެ ކަމެއް ނެތެވެ. އަޅުގަނޑުމެން ދެމީހުން ނޫން -- މަނިކުފާނު -- މިދިއަ ބާރަވަރަކަށް އަހަރު ދުވަހު ހީނ ސަކަރާތް ގަނެ ސަމާސާކޮށް އުޅުނީމު އެވެ. މިހާރު ތިޔައީ އިތްޒަތެރި މެންބަރެކެވެ. މިއަދު އަޅުގަނޑު ކުޑަކުޑަ ދެތިން ވާހަކައެއް ދަންނަވާލިއްޔާ ކިޔެއްތޯ އެވެ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިތުބާރު އޮތް ކަމަށް ވޯޓެއް ދެއްވާނީ ޖަލުގައި ހުންނެވި މުހައްމަދު ނާޒިމް މިނިވަން ކުރިއްޔާ ކަމަށް ވިދާޅުވީމެއް ނޫންތޯ އެވެ؟ ނާޒިމް ދޫކޮށްލުމަކާއި މަސީހުގެ އިތުބާރަކާ ކޮން ކަމެއް ހެއްޔެވެ؟ ނާޒިމް ހައްޔަރު ކުރީ މަސީހު ހެއްޔެވެ؟ ނާޒިމަށް ޝަރީއަތްކޮށް ހުކުމެއް ކުރީ މަސީހު ހެއްޔެވެ؟ ނާޒިމް ދޫކޮށްލުމާއި މަސީހުގެ މައްޗަށް ކުރާ ތުހުމަތުތަކާއި މަސީހަށް ދޭ އިތުބާރާއި ކަނޑައިލާ އިތުބާރާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އަޅުގަނޑަށް ވިދާޅުވެ ދެއްވައިފާނުތޯ އެވެ؟

އިތްޒަތްރި މެންބަރު އަބްދުއްލަތީފު މުހައްމަދެވެ؛ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނަވަނީ އިނގިރޭސި ވިލާތުގައި ދެއްތޯ އެވެ؟ އަޅުގަނޑު އަޑު އަހަމެވެ. މާލޭގައި ބަޔަކު އެއްކުރި ސާޅީސް ފަހަކާއެކު ލަންޑަންގައި ހުންނެވި އަބްދުﷲ ޖާބިރު ކިޔާ ބޭފުޅަކަށް ފަތި ފައްޗަށް އެ މަނިކުފާނު ޝުކުރެއް އަދާކުރައްވަނީ އެއީ ކޮން ކަމަކާތޯ އެވެ؟ ސާޅީސް ފަހެއްގެ ކަންކަން ހިނގީ މިރަށުގަ އެވެ. އެ ކޮޅުގައި އަބްދުﷲ ޖާބިރު އެހާ ބޮޑު ބުރައެއް އުހުއްލެވީ އެއީ ކޮން ކަމެއްތޯ އެވެ؟ ކުރީގެ ރައީސަކު އެހާ އިހުލާސްތެރި ޝުކުރެއް ބަރުތީލަ ކުރައްވާނީ ލައްކަ ބޮޑު ކަމެއް ކޮށްދެއްވައިގެން ދެއްތޯ އެވެ؟

އިތްޒަތްތެރި މެންބަރު އަބްދުއްލަތީފު މުހައްމަދެވެ؛ އެންމެ ސާފު ހެއްހަކީ އަމިއްލައަށްވާ އިއުތިރާފޭ! އަހުމަދު އަދީބު އެ އޮތީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައޭ! އޭނާއަށް ފުރުސަތު ދޭންވާނޭ އެބަ ކިޔައެވެ. އަބްދުއްލަތީފު ވެސް އެހެން ވިދާޅުވީމެއް ނޫން ހެއްޔެވެ؟ އޭނާ ވާން އުޅެނީ އިއުތިރާފެއް ހެއްޔެވެ؟ ނޫނީ ބަޔަކަށް، އެހެންނާ މީހަކަށް ތުހުމަތުތަކެއް ކުރަން ބޭނުން ވަނީ ހެއްޔެވެ؟ އިއުތިރާފެއްވާން އުޅޭކަން އެނގެނީ ކިހިނެއް ޔެވެ؟ އިއުތިރާފެއް ވަނީ ކިހިނެއް ހެއްޔެވެ؟ އޭގެ ޝަރުއަކީ ކޮބައި ހެއްޔެވެ؟ ބޮޑުވަރަކަށް ބުނާނީ އެވެނި މިވެނި މީހަކު އެ ބުނާ ކަމެއް ކުރިއޭ ނޫން ހެއްޔެވެ؟ އެއީ އިއުތިރާފަކަށްވާ ގޮތަކީ ކޮބައިތޯ އެވެ؟ އެ ބުނާ ކަމެއް އޭނާ ކުރީމޭ ބުނާނެ ހެއްޔެވެ؟ އަޅުގަނޑަށް މިކަމުގައި އިތްޒަތްތެރި މެންބަރު އަބްދުއްލަތީފު މުހައްމަދުގެ އިސްތިޝާރީ ލަފައެއް ދެއްވަ ބައްލަވާށެވެ.

ލައްކަ ގިނަ މީހުން ޖަލުތަކުގައި އެބަތިއްބެވެ. ލައްކަ ގިނަ ވާހަކަ ކިޔައިދޭނެ އެވެ. އެވެނި ކަމެއް މިވެނި ކަމެއް "އަބްދުﷲ ގާޒީ އޭ، ގިރިފުއްޓޭ" ބުނާ އިރަށް އެއީ އިއުތިރާފު ކަމަށް ނިންމާ އުސޫލެއް އިތްޒަތްތެރި މެންބަރު ބޭރު ލައިނުގައި އުޅުއްވި އިރު އިކްއެޑޯރުން ބުރެޒިލުން އެހެންޏާ ވެނެޒުއޭލާ އާއި އުރުގުއާއީން ދެކެ ވަޑައިގަތިންތޯ އެވެ.

އަޅުގަނޑު ހަނދާންހުރި ވާހަކައެއް ބުނެފާނަން ނޫން -- ދަންނަވާ -- ފާނަމެވެ. އެމެރިކާގައި ބޮން ގޮއްވައި ބޮޑެތި ކުށަށް އަރައިގަންނަ ޓެރަރިސްޓިން އެމެރިކާގައި ވެސް ނުބައިތިއްބާ ހިލި ހިލާ ޖަހައިގެން ކޮއްޕާ ގަޅުވާފައި ގެންދަނީ ކިއުބާގައި އޮންނަ ގުއަންޓަނާމޯބޭ ކިޔާތަނަކަށޭ ވިދާޅުވީމެއް ނޫންތޯ އެވެ؟ ދެހާސް އެގާރައިގެ ޖުލާއިން ވިހިވީ ދުވަހުގެ ހަވީރު ފަހެއް ޖެހި އިރު ރެޑޭ ކަޑައިގެ އެ ވަގުތުކޮޅު ހިތްޕުޅަށް ގެންނަވަ ބައްލަވާށެވެ.

އިތްޒަތްރެރި މެންބަރު އަބްދުއްލަތީފު މުހައްމަދެވެ؛ މިރަށުގައި ވެގެން މިއުޅެނީ ކިހިނެއްތޯ އެވެ؟ އަހުމަދު އަދީބުގެ އިރުގައި އޮތް "ވަހުދަތާ އެއްބައިވަންތަކަން" މިހާރު ނެތިގެން އުޅެނީ ކިއެއްވެގެންތޯ އެވެ؟ އޭރު އެންމެ ބޭފުޅުން ބްރޯވަންތަވެ ބޯވައެއްހެން ތަތްލަވާފައި މިހާރަކަށް އައިސް ބްރޯކަން ކެނޑި ދެފަރާތަށް ދާ ދެ ކާޅަށްވީ އޭރު ބަރާބަރަށްވީ ކަމެއް މިހާރު ނުވަނީ ހެއްޔެވެ؟

އޭ ރަހުމަތްތެރިޔާ، އިތްޒަތްތެރި މެންބަރު އަބްދުއްލަތީފު މުހައްމަދެވެ؛ އަޅުގަނޑަށް ހީވަނީ އަބްދުއްލަތީ ވިދާޅުވެ ދެއްވި ކަޅު ބުޅާ މަގު ހުރަސް ކުރީހެނެވެ. ކަޅު ބުޅަލެއް މަގު ހުރަސް ކުރުމަކީ ސުންޕާ ކަމެކޭ ވިދާޅުވަމެއް ނޫންތޯ އެވެ؟ އެއީވެސް ރެޑޭ ކަޑައިގައި ވިދާޅުވި ވާހަކަ އެވެ. ހަމައެގޮތަށް ވިޔާނުދާ ކަންކަމުގެ މަގަށް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކިޔާ ބޭފުޅަކު ހުރަސް އެޅުއްވީހެން އަޅުގަނޑަށް ވަރަށް ހީވެއެވެ. މިރަށަށް ވީ ގޮތަކީ އެ ހުރަސް އެޅުއްވުން އެއީ ސުންޕާ ކަމަކަށްވީ އެވެ. އަޅެ ބޭރުލައިނުގައި މިކަން އޮންނަނީ ކޮންހެނެއް ހެއްޔެވެ؟