ހަބަރު

ޕީޕީއެމް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމުން އިލްހާމް އިސްތިއުފާ ދީފި

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގެ މުގައްރި ކަމުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ބުނެ 45 މެންބަރަކު ސޮއި ކުރައްވާ ވެއްދި ގަރާރުގައި ސޮއި ކުރެއްވި އިލްހާމް މިއަދު ވިދާޅުވީ އެ ދެ މަގާމުން އޭނާ އިސްތިއުފާ ދެއްވައި އެކަން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަން މިއަދު އަންގާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ މަގާމުގައި ހިދުމަތް ކުރައްވަން އޭނާއަށް ދެއްވި ފުރުސަތަށްޓަކާއި ޝުކުރު އަދާ ކުރައްވާ ކަމަށާއި އެއީ ލިބި ވަޑައިގެންނެވި ވަރަށް ބޮޑު ތަޖުރިބާތަކެއް ކަމަށެވެ.

މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގެ މުގައްރަރިކަށް އިލްހާމް ހޮވީ ނޮވެމްބަރު 21، 2016 ގައެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ހޮވީ ނޮވެމްބަރު 14، 2016 ގައެވެ. ޕީޕީއެމް އުފެއްދުމުގައި ރައީސް އަބްދުﷲ ޔާމީނާއެކު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިލްހާމް ޖޭޕީގައި ހުންނެވުމަށްފަހު ޕީޕީއެމާއި ގުޅިފައިވަނީ ވެސް މިދިއަ އަހަރު އެވެ. ޑީއާރްޕީގެ ޒެޑް ފެކްޝަންގައި އެންމެ ބޮޑަށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވެސް އިލްހާމް ހިމެނި ވަޑައިގަންނަވަ އެވެ.

މަސީހު އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއިކުރެއްވުމަށް ފަހު، މި މަގާމުތައް ދޫކޮށްލެވި އިލްހާމް މީގެ ކުރިން ވަނީ މަސީހުގެ އިތުބާރުގެ މައްސަލަ ވެއްދުމުން މަސީހު ދިފާއު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.