ހަބަރު

މިދިޔަ އަހަރުގެ ފަހުބައިގައި ގިނައީ ކުދިންނަށް އަނިޔާ ކުރި މައްސަލަ

ނިމިދިޔަ 2016 ވަނަ އަހަރުގެ ޖުލައި މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ހިއުމަށް ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވަ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައި ކުދިންނަށް އަނިޔާ ލިބިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މިިދިޔަ އަހަރުގެ ފަހު ބައިގައި ހުށަހެޅި ކުޑަކުދިންނާ ގުޅޭ މައްސަލަތަކަށް ބިނާކޮށް އެ ކޮމިޝަނުން ނެރުނު ޗައިލްޑް ރިވިއު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޖުމްލަ 18 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަނިޔާގެ 14 މައްސަަލަ އަކާއި އުނގެނުމުގެ ހައްގު ނިގުޅައިގަތުމުގެ ދެ މައްސަލައެއް އަދި ހަޟާނަތުގެ ދެ މައްސަލަ އެކެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހަޅާފައިވާ މައްސަލަ އެވެ. ޖިންސީ ގޯނާ ކޮށްގެން ހަ މައްސަލައެއް ހުށަހަޅާފައިވާއިރު ޖިސްމާނީ އަނިޔާގެ މައްސަލައަކާއި ކުދިންނަށް އިހުމާލު ވެގެން ހަތަރު މައްސަލައެއް ހުށަހަޅާފައިވެ އެވެ. ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރޭގައި ގިނައިން ހިމެނޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވަނީ ކުއްޖާގެ އާއިލާގެ ތެރެއިން، ނުވަތަ ގާތްތިމާގެ މީހެއްގެ ފަރާތުން ކުދިންނަށް ޖިންސީ އަނިޔާ ލިބިފައިވާ މައްސަލަތަކެވެ.

ކުދިންނަށް އިހުމާލުވެގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ފަރާތުން ކުދިންނަށް އިހުމާލުވެގެންވެސް ދެ މައްސަލަ އަދި އާއިލާގެ ފަރާތުން އިހުމާލު ވެގެން ތިން މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އިހުމާލުގެ މައްސަލަތަކުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އާއިލާގެ ފަރާތުން ކުދިންނާ މެދު ވާއިހުމާލުގެ ސަބަބުން ކުދިންގެ ހައްގުތަކެއް ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކާއި، ދައުލަތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި، އެ މައްސަލަތައް ބެލުމުގައި ނުވަތަ ހައްލުކޮށްދިނުމުގައި ލިބެންވާ މިންވަރަށް އެއްބާރުލުންނުލިބުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި މީގެ އިތުރުން މަރުގެ މައްސަލައެއްވެސް ވަނީ ހުށަހަޅާފަ އެވެ.

މިިދިޔަ އަހަރުގެ ފަހުކޮޅު އުނގެނުމުގެ ހައްގު ނިގުޅައިގެނެގެން ހުށަހަޅާފައިވަނީ ދެ މައްސަލަ އެވެ. އެ ދެ މައްސަލައަކީ ސްކޫލުގެ ތެރެއިން ކުދިންނަށް ލިބޭ ނަފްސާނީ އަނިޔާގެ ދެ މައްސަލަ އެކެވެ.

ހަޟާނާގެ ދެ މައްސަލަ ހުށަހަޅާފައިވާއިރު އެ ދެ މައްސަލަ އަކީ އާއިލާ ރޫޅުމުން، ދަރިން ބަލަހައްޓާ ފަރާތުން، ކުއްޖާގެ މަންމަ ނުވަތަ ބައްޕައަށް ދަރިންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައަކާއި، ދަރިންގެ ހަޟާނާތު ކޯޓުން ހަވާލުކޮށްފައިވާ ފަރާތުން ދަރިންނަށް އިހުމާލުވާކަމަށާއި ދަރިންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭކަމަށްބުނެ ހުށަހަޅާފައިވަ މައްސަލަ އެކެވެ.