ހަބަރު

މަސީހުގެ މައްސަލައިގައި މެންބަރުންނަށް 10 ދުވަހުގެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ މަޖިލީހަށް ބަލައިގަނެ، މެންބަރުންނަށް އެ މައްސަލައިގައި ނޯޓިސް މެންބަރުންނަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މެންބަރުންނަށް، އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލާގައި ގަރާރު ހުށަހެޅުމުގެ 14 ދުވަހުގެ ކުރިން އެކަން އަނގަންވާނެ ކަމަށެވެ. އަދި ނޯޓިސް ފޮނުވާތާ ބަނދު ނޫން 10 ދުވަސް ފަހުން އެންމެ އަވަހަށް މަޖިލީހުގެ ޖަލްސާއެއް އޮންނަ ދުވަހު އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"އެ ދެކަންތަކަށް ރިއާޔަތްކޮށް [މަސީހުގެ އިތުބާރު ނެތް ކަމުގެ] މައްސަލަ އެޖެންޑާ ކުރާ ދުވަސް އަންގާނެ ވާހަކަ ދަންނަވަން،" ނޯޓިސްގައި ބުނެފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅި ސަރުކާރުގެ 10 މެންބަރުން ހިމެނޭ ގޮތަށް މުޅިއަކު 45 މެންބަރުންގެ ސޮޔާ އެކުގަ އެވެ. އަދި އެ މައްސަލައާ އެކު ހުށަހެޅި ގަރާރުގައި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ސޮއި ނުކުރާ ކަމަށް އޭނާގެ ސޮއި ފޯޖުކޮށްފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް މަޖިލީހަށް ވެސް ސިޓީ ފޮނުވި އެވެ. ނަމަވެސް އިތުބާރު ނެތް މައްސަލާގެ ގަރާރުގައި އަހުމަދު ސޮއި ކުރަން އިން ފޮޓޮއެއް ވެސް ހަމަ އެދުވަހު އާންމުވި އެވެ.

ޕީޕީއެމްގެ ތެރެއިން ބައެއް މެންބަރުންނާ އެކު މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައިވާ އިރު ފުލުހުން އަންނަނީ އެ މައްސަލާގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ރިޝްވަތު ބެހި ކަމަށް ތުހުމަތުކޮށް އެކަމުގެ ހެކި ވެސް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.