ވިޔަފާރި

ޞުކޫކް ވިއްކަނީ އިސްލާމިކް ޕްރޮޑްކްތަކުގެ ޑިމާންޑް ބޮޑުވީމަ: އެމްޑީ

ޞުކޫކް ވިއްކަން ނިންމީ އިސްލާމިކް ޕްރޮޑްކްތަކުގެ ޑިމާންޑް ބޮޑު ކަމުން ކަމަށް ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރު ރަހީމާ ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

"އެޗްޑީއެފްސީ އަމްނާ" ގެ ދެވަނަ މުޟާރަބާ ޞުކޫކް ތައާރަފްކޮށްދެއްވަމުން އެމްޑީ ރަހީމާ ވިދާޅުވީ އިސްލާމިކް ފައިނޭންސް ބޭނުންކުރާ މީހުންގެ ޑިމާންޑް މަތިވުމުން ކަމަށެވެ. އަދި މި ޞުކޫކް ތައާރަފު ކުރުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ބޮޑުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެޗްޑީއެފްސީން ޞުކޫކް ވިއްކަނީ 1،000 ރުފިޔާ އަށެވެ. މި ފަހަރު އެޗްޑީއެފްސީ އން ޞުކޫކް ވިއްކަކީ 150 މިލިއަން ރުފިޔާ ހޯދާށެވެ. މިގޮތުން 10 އަހަރަށް އިންވެސްޓް ކުރުމަށް ހުޅުވާލާ މި ފުރުސަތުގައި އާންމުންނާއި ކުންފުނި ތަކަށް ވެސް ޞުކޫކް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. މިގޮތުން ޞުކޫކް ގަންނަ ނިސްބަތަކުން 65 ޕަސެންޓް ފައިދާ ގަންނަ ފަރާތަކަށް ލިބޭނެ އެވެ. އަދި ބާކީ އޮތް 35 ޕަސެންޓް ހިމަނާނީ "އެޗްޑީއެފްސީ އަމްނާ" އިން ގެދޮރު މަޝްރޫއު ތަކުން ލިބޭ ފައިދާއިންނެވެ. އެޗްޑީއެފްސީ އަމްނާއަކީ އިސްލާމިކް ޝަރީއާ ހުއްދަ ކުރާ އުސޫލުން ގެދޮރު ހެދުމަށް އުފައްދާފައިވާ ބައެކެވެ.

ޞުކޫކް ވިއްކަން ފެށުމުގެ ގޮތުން މިއަދު ވަނީ ޕްރޮސްޕެކްޓަސް އާއްމުކޮށްފަ އެވެ. އަދި ޞުކޫކް ގަންނަން ބޭނުންވާ މީހުންނަށް ހުޅުވާލާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެންނެވެ. އަދި ޞުކޫކް ގަތުމުގެ ފުރުސަތު ހުޅުވާލާފައި އޮންނާނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.

އެޗްޑީއެފްސީ އިން ފުރަތަމަ ޞުކޫކް ވިއްކާފައިވަނީ 2013 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގައި ވިއްކި ފުރަތަމަ ޞުކޫކް އެވެ. މިގޮތުން އެ ކުންފުނިން 500ރ. ގެ މަގުން ޞުކޫކް ވިއްކަން އެ ފަހަރު ހުޅުވައިލީ 50 މިލިއަން ރުފިޔާ ހޯދުމަށެވެ. އެ ފަހަރު ސްކޫކް ގަނެފައިވަނީ 467 ފަރާތަކުންނެވެ. އަދި އެ ފަހަރު ލިބުނީ 22 މިލިއަން ރުފިޔާ އެވެ.