ހަބަރު

ނާޒިމްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބައެއް މައުލޫމާތުތައް މަދު: ދިފާއީ ވަކީލުން

Apr 12, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށްލާން ހުކުމްކުރި ޝަރީއަތުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބައެއް މައުލޫމާތުތައް ނުހިމެނޭ ކަމަށް ނާޒިމް ވަކީލުން ބުނެފި އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ ޝަރީއަތް ނިމުނުގެ ރިޕޯޓް މިއަދު ކްރިމިނަލް ކޯޓުން ދިނުމާ ގުޅިގެން ނާޒިމްގެ ވަކީލުން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެ ރިޕޯޓުގައި ބައެއް މައުލޫމާތުތައް ނުހިމެނޭ ކަމަށެވެ. އެހެންވެ އެކަންކަން ސާފުކުރަން މާދަމާ ކްރިމިނަލް ކޯޓުގައި އެދޭނެ ކަމަށް އެ ޓްވީޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ރިޕޯޓް ލިބިފައިވަނީ ވެސް ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅިތާ ފަސް ގަޑިއިރު ފަހުން މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ވެސް އެ ޓީމުން މިއަދު ކުރި ޓްވީޓެއްގައިވެ އެވެ. މިދިޔަ މަހުގެ 27 ގައި އިއްވި ހުކުމުގެ އެ ރިޕޯޓް ލިބޭތޯ މަޑުކުރުމަށް ފަހު ނާޒިމްގެ ވަކީލުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ވެސް އިސްތިއުނާފްކުރަން ލިބޭ 10 ދުވަހުގެ މުއްދަތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އެ ވަކީލުން ބުނެފައިވެ އެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަކީ މައްސަލައިގެ ހިމެނޭ ހުރިހާ ލިޔުންތަކާއި ހެކިވެރިންގެ ބަޔާންތަކާއި މައްސަލަ ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ބަޔާންކުރާ ރިޕޯޓެވެ. އިސްތިއުނާފް މަރުހަލާގައި މަތީ ކޯޓުތަކުން މައިގަނޑު ގޮތެއްގައި ބުރަވާނީ އެ ރިޕޯޓުގައި ހުންނަ މައުލޫމާތުތަކަށެވެ.