ހަބަރު

އެމްޕީ ޝަހުދީ ޕީޕީއެމުން ވަކިވެވަޑައިގެންފި

Jul 7, 2017
9
  • މަޖިލީހުގެ މެޖޯރިޓީ ވަނީ ވަކި ގޮތަކަށް އާނއެކޭ ބުނެފައި
  • އަޅުގަނޑު މަސައްކަތް ކުރާނީ އިސްލާހަށް
  • ސަބަބު ބަޔާންކޮށް ވާނީ އިސްތިއުފާގެ ސިޓީ ފޮނުވާފައި

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ޕީޕީއެމުން ވަކިވެ ވަޑައިގެންފި އެވެ. އޭނާ ޕީޕީއެމުން ވަކިވެ ވަޑައިގެން މިއަދު ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލަށް ސިޓީ ވެސް ފޮނުއްވާފަ އެވެ. އެ ސިޓީގެ ކޮޕީއެއް އޭނާގެ ފަރާތްޕުޅުން އަވަސް އާ ވެސް ހިއްސާ ކުރި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ކޮޕީ ކޮށް ޝަހުދީގެ ފޮނުއްވެވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ "މިވަގުތު އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަށް ބޭނުން ނުވާތީ މިއަދުން ފެށިގެން ތިޔަ ޕާޓީގެ ދަފުތަރުން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދެމެވެ" މިހެނެވެ.

ޕާޓީއާ ވަކި ވަޑައިގެންވި އިރު ޝަހުދީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް އެންމެ ފަހުން ވެއްދި މައްސަލައިގެ ގަރާރުގައި ސޮއި ކުރެއްވި 45 މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެންބަރެކެވެ.

ޝަހުދީ މިރޭ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާގެ އިސްތިއުފާގެ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށާއި އެ ސިޓީ ޕީޕީއެމަށް ފޮނުވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި އޭނާ ދެން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާނބަސް ބުނެފައިވާ ގޮތުގެ މަތީން އިސްލާހީ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ކަމަށެވެ.

"މަޖިލީހުގެ މެޖޯރިޓީ އެއޮތީ ވަކި ގޮތަކަށް ބަސް ބުނެފައި، އެހެންވީމާ އަޅުގަނޑު ހުންނާނީ އެ މެޖޯރިޓީއާއެކު އިސްލާހީ މަސައްކަތުގައި،" ޝަހުދީ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ޝަހުދީ ޕީޕީއެމާ ގުޅި ވަޑައިގަތީ ޖެނުއަރީ 21، 2016 ގައެވެ. ޝަހުދީ ޕީޕީއެމަށް ސޮއި ކުރެއްވީ އޭރު ކާނިވަލްގައި ޕީޕީއެމް އިން ބޭއްވި "އުންމީދީ 16" ޖަލްސާގަ އެވެ. ޝަހުދީގެ ފޯމާ އޭރު ޕާޓީގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ އެ ޕާޓީގެ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އޭގެ ފަހުން ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަތަކުގައި މައުމޫން ވެސް ވަނީ ޕާޓީން ވަކިކޮށްފައެވެ.

މިއަދުގެ ތާރީހުގައި ޝަހުދީ ޕާޓީން ވަކިވެ ވަޑައިގެންނެވި ކަމުގެ ސިޓީ ޕީޕީއެމަށް ފޮނުއްވެވި ނަމަވެސް ޕާޓީގެ ފަރާތުން އަދި އެއްވެސް ޖަވާބެއް ނުދެ އެވެ. ޝަހުދީގެ ކުރިން އެ ޕާޓީގައި ހުންނެވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވެސް ވަނީ އެ ޕާޓީ ދޫކުރައްވާފަ އެވެ. އަދި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އަހުމަދު އިލްހާމް ވެސް ވަނީ އެ މަގާމުން ދޫކޮށްލައްވާފަ އެވެ.