ޓެކްނޯލޮޖީ

އެހެން އާލަމްތަކުން ޖަރާސީމު ހޯދަން ދެން ނަގާނީ 30 އަހަރު

Apr 13, 2015

ދުނިޔެ ފަދަ އެހެން ބިންތަކުން ނުވަތަ ޕްލެނެޓްތަކުން "މައިކްރޯބް" ނުވަތަ ބެކްޓީރިއާ ފާޑުގެ ދިރުން 2045 ވަނަ އަހަރު ވާންވާއިރަށް ފެންނާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

ނާސާއިން ބުނީ ކައުނުގެ އެހެން ސަރަހައްދުތަކުގައި ދިރޭ މަހުލޫގުން އުޅުމަކީ މިހާރު ކަށަވަރު ވެފައިވާ ކަމަށާއި މިހާރު ހަމައެކަނި ކުރަންވީ ސުވާލަކީ އެ މަހުލޫގުންތައް ހޯދޭނީ ކޮން އިރަކުންތޯއެވެ.

"އަހަރެމެންނަށް މިހާރު އެނގޭ ބަލަންވީ ކޮން ގޮތަކަށް ކޮންކޮން ތަންތަނެއްކަން. އަހަރެމެންގެ އަތުގައި އެ ކަމަށް ބޭނުންވާ ގިނަ ޓެކްނޮލޮޖީ އެބަހުރި. އެހެންވީމާ މިއީ ދިގު ދަތުރެއްގެ ނިމުން،" ނާސާގެ މައި ސައިންޓިސްޓު އެލަން ސްޓޯފާން މި ހަފުތާގައި ވިދާޅުވިއެވެ.

އެކަމަކު އޭނާ ވިދާޅުވީ ސްޕޭހުން ފެންނާނެ ދިރޭ ތަކެއްޗަކީ ސައިންސް ފިކްޝަން ފިލްމްތަކުގައި ފެންނަ ބޮޑެތި ބޮލާއި ބޮޑެތި ލޯ ލާފައި ހުންނަ "އޭލިއަން" ތަކެއް ނޫން ކަމަށެވެ. ނަމަވެސް ބެކްޓީރިއާ ފާޑުގެ އެންމެ ކުދިކުދި މަހުލޫގުން ކަމަށެވެ.

އެމެރިކާގެ ރައީސްކަމުގައި ބިލް ކްލިންޓަން ހުންނެވިއިރު ދުނިޔެއާ އެންމެ ކައިރީގައި އޮންނަ ޕްލެނެޓް ކަމަށްވާ މާސް އިން ވަނީ މައިކްރޯބް ފަދަ ތަކެތި އުފެދުމަށް ބޭނުންވާ މޮލެކިއުލްތަކުގެ ހަނަފަސްވެފައިވާ ފޮސިލްތަކެއް ފެނިފައެވެ. އަދި އޭގެ ފަހުން ބައެއް ކޮމެޓް ނުވަތަ ދުންތަރިން ވަނީ ކާބަން މާއްދާ ނުވަތަ މަށީގެ މިފަދަ އިތުރު މޮލެކިއުލްތައް ފެނިފައެވެ. މިއީ ދިރުން ފެށޭ ހިސާބު ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.

ކޮންމެވެސް ޒަމާނެއްގައި މާސް އާއި ބައެއް ދުންތަރިތަކާ ދުނިޔެއާ "އެކްސިޑެންޓް" ވެފައިވާތީ ސައިންސްވެރިން މިހާރު ސުވާލު އުފައްދާފައިވަނީ ދުނިޔެއިން މިހާރު މި ފެންނަ ހުރިހާ މަހުލޫގުންގެ ފެށުމުގެ އަސްލަކީ މާސް ނުވަތަ އެ ދުންތަރިތައް ކަމުގައެވެ.