ދުނިޔެ

ޑިޕްލޮމެޓިކް ކޯޅުމަށްފަހު ސްވިޑްންގެ ރާމާމަކުނުތައް ބޭނުން ނޫން ކަމަށް ސައޫދީން ބުނެފި

Apr 13, 2015

ސައޫދީ އަރަބިއްޔާގެ ހައިވާނު ބަގީޗާއަކަށް ސްވިޑްންއިން ގެންދަން ހަމަޖެހިފައިވާ ހަތަރު ރާމާމަކުނު، މިދިޔަ މަހު ދެ ގައުމުގެ ދެމެދުގައި ހިނގި އަރާރުމަށް ފަހު، މިހާރު ބޭނުން ނުވާ ކަމަށް ސްވިޑްންއަށް ސައޫދީ ސަރުކާރުން އަންގައިފިއެވެ.

ސައޫދީން އިންސާނީ ހައްގުތަކާ ހިލާފުވާ ކަމަށް ތުހުމަތުކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ދުވަސްވީ އަސްކަރީ ގުޅުން ސްވިޑްންއިން މާޗް މަހު ކަނޑާލުމުން ސައޫދީން ވަނީ އެ ގައުމުން ސްވިޑްން އަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ވެސް އަނބުރާ ގެނެސްފައެވެ. އަދި ސައޫދީގައި ހުންނަވާ ސްވިޑްންގެ މަންދޫބު ވެސް އަނބުރާ ގައުމަށް ފޮނުވާލަން ސައޫދީ ސަރުކާރުން ވަނީ ނިންމައިފައެވެ.

ސައޫދީގެ ވެރިރަށް ރިޔާޒްގެ ޒުލަކަށް ގެންނަން ކުރިން ހަމަޖެހިފައި އޮތީ ޕިގްމީ މާމޮސެޓް ކިޔާ ބާވަތުގެ ރާމާމަކުނުތަކެކެވެ. ބޮޑުމިނުގައި އެންމެ 12 ސެންޓިމީޓަރު ހުންނަ މި ރާމާމަކުނަކީ ދުނިޔޭގައި އުޅޭ އެންމެ ކުޑަ ރާމާމަކުނެވެ.

ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ސްކާންސެން ޒުލުން ކޮންމެ އަހަރަކު ވެސް މި ބާވަތުގެ ރާމާމަކުނު ވިއްސައި، އޭގެ ތެރެއިން 10 ރާމާމަކުނު އެކި ގައުމުތަކުގެ ހައިވާނު ބަގީޗާތަކަށް ފޮނުވައެވެ.

ސްކާންސަން ޒުލުގެ ވެރިޔާ ޖޯނަސް ވޯލްސްޓްރޯމް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އަލުން އަވަހަށް ރަނގަޅު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އެހެން ނޫނީ އަހަރެމެން އެ މަކުނުތައް އެހެން ތަނަކަށް ފޮނުވާލާނަން،" އޭނާ ވިދާޅުވިއެވެ.