ހަބަރު

ރިޔާޒަށް ކުށް ސާބިތު ނުވާކަމަށް ހުކުމްކޮށްފި

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލި ގާނޫނޫ ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ ސާބިތު ނުވާކަމަށް ހުކުމްކޮށްފި އެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އޭނާގެ ފޯނު ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައިވާ މައުލޫމާތު ސާފުކުރުމަށް ފޯނު އަންލޮކްކޮށް ހުޅުވައިދިނުމަށް އެދުމުން އެކަން ކޮށްފައިނުވާ ކަމަށެވެ.

ރިޔާޒު ވަނީ ޕީޖީ އޮފީހުގެ އިތުރު ފުރުސަތުގެ އުސޫލުގެ ދަށުން ދައުވާ އަނބުރާ ގެންގޮސްދިނުމަށް ވެސް އެދިފަ އެވެ. ނަމަވެސް ޕީޖީއިން ނިންމީ ދައުވާ އަނބުރާ ގެންދަން ނުފެންނަ ކަމަށެވެ.

މައްސަލާގެ ޝަރީއަތުގައި ރިޔާޒު ވަނީ ފޯނުގެ ޕިން ކޯޑް ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ރިޔާޒުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުގެ ތަހުގީގު ވަނީ ފަށާފަ އެވެ.

ރިޔާޒުގެ ފޯނު ހިފަހައްޓައި ޕިން ކޯޑް ދިނުމަށް ފުލުހުން އެދުމުން އެކަން ރިޔާޒު ކުރައްވާފައިނުވަނީ ކޯޓު އަމުރުގައި އެގޮތަށް ބުނެފައިނެތުމުންނެވެ. ރިޔާޒު ވަނީ ޕިން ކޯޑް ބޭނުންވާނަމަ އެކަން ބަޔާންކުރާ ކޯޓު އަމުރެއް ހޯދުމަށް ފުލުހުންގެ ކިބައިގައި އެދިފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ކޯޓު އަމުރުގައި ޕިން ކޯޑް ދިނުމަށް އަންގާފައިނުވީ ނަމަވެސް އެ އަމުރުގައި ފޯނުގެ ހުރިހާ ކޯލްތަކާއި ފޯނުގައި ހުރި މައުލޫމާތު ފުލުހުންނަށް ބެލޭނެ މަގުފަހިކޮށްދިނުމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ރިޔާޒުގެ މައްޗަށް ނެރުނު ކޯޓު އަމުރުގައި ފޯނުގެ ޕިން ކޯޑް ދިނުމަށް ބާރު އަޅާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ނަމަވެސް ކޯޑް ދިނުމަށް ކޯޓަށް މަޖުބޫރުކުރެވޭނެ ގާނޫނީ މާއްދާއެއް ނެތް ކަމަށް ދައުލަތުން ވެސް އެއްބަސްވި އެވެ.

ރިޔާޒުގެ ވަކީލް ވިދާޅުވީ، ހަނު ހުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށެވެ. ފޯނުގެ ޕިން ކޯޑް ނުދިނުން ވެސް ހިމެނޭނީ ހަނުހުރުމުގެ ތެރޭގަ ކަމަށެވެ. އެކަމަށް ރައްދު ދެމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ހަނު ހުރުމުގެ ފުރުސަތު އޮތްކަން އެނގި ރިޔާޒު އެ ފުރުސަތު ބޭނުން ނުހިއްޕަވާ ކަމަށެވެ. ތަހުގީގުގެ ވަކި މަރުހަލާއެއްގައި ހަނު ނުހުރެވޭނެ ކަމަށެވެ. ނަމަވެސް ރިޔާޒުގެ ވަކީލް ވިދާޅުވީ، އެއީ ތުހުމަތުކުރެވޭ މީހާއަށް ކޮންމެ ވަގުތެއްގައި ވެސް ބޭނުން ކުރެވިދާނެ ހައްގެއް ކަމަށެވެ.