ބޮލީވުޑް

2 ސްޓޭޓްސް: ކައިވެންޏަކީ ހަމައެކަނި ދެ މީހުންގެ ދެމެދު ކުރެވޭ ކަމެއް ނޫން؟!

Apr 13, 2015
1

އެކަކު އަނެކަކު ދެކެ ލޯބިވެވިއްޖެ ނަމަ، ދެން އޮތް ހަމައެކަނި މަރުހަލާއަކީ ކައިވެނި ކަމަށް ގިނަ ދިވެހިންނަށް ވިސްނިފައި އޮތަސް، ދެކުނު އޭޝިޔާގެ ބޯދާ ސަގާފަތްތައް އަދިވެސް ހުރި ގޮތުން ދެ މީހެއްގެ ދެމެދުގައި ޒަވާޖީ ހަޔާތުގެ ގޮށް ޖަހާލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އިންޑިޔާ ފަދަ ގައުމުތަކުގައި ދިރިއުޅުމެއް ފެށުމަށް އަދިވެސް އެތައް ހަރުފަތްތަކެއް ގިރާ ކުރަން ޖެހެއެވެ.

އެގޮތުން އިންޑިޔާގެ ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ ވެސް ކައިވެންޏަކީ ހަމައެކަނި ދެ އިންސާނުންގެ ދެމެދުގައި ވެވޭ އަހުދެއް ނޫން ކަމުގައެވެ. ނަމަވެސް އެއީ ދެ އާއިލާގެ އިތުރުން އެ ދެ މީހުންގެ މުޖުތަމަ އާއި ގައުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ، ކުރެވޭ ކޮންމެ ކައިވެންޏެއް ވާން ޖެހެނީ މުޅި މުޖުތަމައުގެ މަސްލަހަތާއި ހަމަޖެހުމަކަށެވެ. މިހެންވެ، ގުދުރަތީ ގޮތުން ދެ މީހަކު ލޯބި ވިޔަސް، އިންޑިޔާގައި މި ފަދަ ލޯބިތައް ފަނާވެގެން ދަނީ ހިތްދަތިކަމާއި ހިތާމައިންނެވެ.

މި ފަހަކަށް އައިސް މި ކަން އެންމެ ރަނގަޅަށް ފެނިގެން ދަނީ ބޮލީވުޑްގެ ފިލްމް "2 ސްޓޭޓްސް"އިންނެވެ. ޗެތަން ބަގަތު 2009 ވަނަ އަހަރު ލިޔުނު މަޝްހޫރު ވާހަކަ ފޮތެއްގެ މައްޗަށް ބިނާކޮށް މިދިޔަ އަހަރު ނުކުތް އަބިޝެކް ވަރުމަން ޑައިރެކްޓް ކުރި ފިލްމަކީ މި ޒަމާނުގެ "މިނިވަން ހިޔާލަށް" ފައްތާފައިވާ ފިލްމެއް ކަމުން ފިލްމްގެ ނިމުމަކީ އުފާވެރި ނިމުމެކެވެ. ނަމަވެސް ފިލްމް ފެށިގެން ނިމެންދެން ވެސް ސީދާސީދާކޮށް އިންޑިޔާގައި ހުރި މި ފަދަ މައްސަލަތަކަށް އަލިއަޅުވައިލައެވެ. އަދި ހަމަ މައްސަލަތަކަށް އަލިއަޅުވާލަމުން، އެކި ކޮމިއުނިޓީތަކުގެ މެދުގައި ހުރި "ތަފާތުތަކާއި" އެކަމަށް އޮތް ހައްލުވެސް ކިޔައިދެމުންދެއެވެ.

އެގޮތުން އިންޑިޔާގެ ރައްޔިތުންގެ ސިކުނޑީގައި ހުރި "ސްޓީރިއޮޓައިޕް"ތަކާއި ކުށްހީތައް ވެސް ފަޅާއަރުވައިލައެވެ. މިސާލަކަށް، ފިލްމްގެ ބަތަލު އަރްޖުން ކަޕޫރަކީ އިންޑިޔާގެ އުތުރު ޕަންޖާބުގެ ނިއުދިއްލީއަށް އުފަން ޒުވާނެކެވެ. އަދި އޭނާ ޔުނިވާސިޓީން ރައްޓެހިވާ އަލިއާ ބަޓް އަކީ އިންޑިޔާގެ ދެކުނު ޓެމިލް ނާޑޫގެ ޗެންނާއީ ކުއްޖަކަށް ވާތީ "މަދަރާސީން"ނަކީ ކަޅު ބައެއް ކަމަށް އަރްޖުންގެ މަންމަ އަމްރީތާ ސިންގް ބުނާއިރަށް، އަލިއާ "ތިމަންނަ އަށް ވުރެ ވެސް ދޮން ނޫންހޭ" އަރްޖުން ބުނެލައެވެ.

މީގެ އިތުރުން އުތުރު މީހުން މަސް ކައިފައި، ދެކުނު މީހުން މަސް ނުކާތީ، "ހަމައެކަނި ވެޖިޓޭރިއަން ޑައެޓްއަކުން މީހާގެ ހަށިގަނޑަށް ހަކަތަ ލިބޭނީ ކިހިނެތްތޯ" އަމްރީތާ ސުވާލު އުފައްދާއިރު ހުދު އަމްރީތާގެ ފިރިމީހާ ރޮނިތު ރޯއި (ދިވެހިންގެ މެދުގައި މަޝްހޫރު ޓީވީ ސީރީޒް ތަރި "ބަޖާޖް") ބަނގުރަލުން ސަލާމަތް ނުވެވިގެން އަމްރީތާ އާއި އަރްޖުންގެ އާއިލީ ހަޔާތް ހަލާކުވަމުން އަންނަ މައްސަލަ އަނެއްކޮޅުން ފެނެއެވެ. އަމިއްލަ ބުރަކަށީގައި އޮންނަ ލައްގަނޑު ތިމާއަކަށް ނުފެންނާނޭ ބުނެއުޅެނީ މިހެންވެ ކަމަށް ވެދާނެއެވެ!

މުޅި ފިލްމަކީ ވެސް ކޮންމެ ކަމެއްގެ ދެ ފުށް ވަރަށް ރަނގަޅަށް ހާމަވާ ފިލްމެކެވެ. ނަމަވެސް ފިލްމްގެ އެންމެ ހިތްގައިމު ކަމަކީ މި ހުރިހާ މައްސަލައެއް ވެސް ވާހަކަ ދައްކައިގެން ތަހުޒީބު ގޮތުގައި ހައްލުކޮށް، އަރްޖުން އާއި އަލިއާގެ ކައިވެންޏަކުން ފިލްމް ނިންމާލާކަމެވެ. މިއާ ހިލާފަށް 1981 ގައި ނުކުތް ދިވެހިން ސިއްސުވާލި ބޮލީވުޑް ފިލްމް "އޭކް ދޫޖޭ ކޭ ލިޔޭ"ގައި އިންޑިޔާގެ އުތުރުގެ އަންހެނެއް ކަމަށްވާ ރާޓީ އަގްނިހޯތްރީ އާއި އިންޑިޔާގެ ދެކުނުގެ ތަމަޅައެއް ކަމަށްވާ ކަމާލް ހަސަންގެ ދެ އާއިލާގެ ދެމެދުގައި މައްސަލަ ހައްލު ނުކުރެވިގެން އެ ދެ މީހުންގެ ލޯތްބަށް ކާމިޔާބު ނުލިބި ފިލްމް ނިމިގެންދަނީ ދެ މީހުން އަމިއްލައަށް މަރުވެގެން ވަރަށް ވެސް ހިތާމަވެރި ގޮތަކަށެވެ. މިހެންވެ، "އޭކް ދޫޖޭ ކޭ ލިޔޭ"އަށް ފަހު މިވީ 34 އަހަރު ދުވަހުގެ މާޔޫސް ކަމަށް "2 ސްޓޭޓްސް" ބަލައިލުމުން ހިތްހަމަޖެހުން ލިއްބައިދިނެވެ. ސަބަބަކީ "އޭކް ދޫޖޭ ކޭ ލިޔޭ" އަށް ފަހު މިވީ ދުވަސްތަކުގައި އިންސާނުންގެ ވިސްނުމަށް އައި ހެޔޮ ބަދަލުން އެ ފިލްމަށް އާ އުފާވެރި ނިމުމެއް "2 ސްޓޭޓްސް"އިން ގެނެސްދެވުނު ފަދައެވެ.