ހަބަރު

"ޝަހުދީ، އިލްހާމް އަދި ލަތީފް ވަކިވުމުން ޕީޕީއެމް އިތުރަށް ބަދަހިވާނެ"

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ޕީޕީއެމުން ވަކިވެގެން ދިއުމުން އެ ޕާޓީގެ ސަފުތައް އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން އެ ތިން މެންބަރުން ވަކިވެވަޑައިގެންނެވީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައިގެ ގަރާރުގައި ސޮއި ކުރެއްވުމަށް ފަހު ފެންމަތިވެގެން އައި ކޯޅުންތަކުގެ ތެރޭގަ އެވެ.

އެ ތިން މެންބަރުން ވަކިވުމާ ގުޅިގެން ހަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޝަހުދީ އާއި އިލްހާމް އަދި ލަތީފް ވަކިވެވަޑައިގަތުމުން އެ ޕާޓީން އެއްވެސް ވަރަކަށް ކަންބޮޑެއް ނުވާ ކަމަށާއި އެ މެންބަރުންގެ ދައިރާތައް އަދިވެސް ތިބީ ރައީސް އަބްދުﷲ ޔާމީންއާ އެކުގައި ކަމަށެވެ.

ހަލީލް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކާ ހިލާފަށް ޕީޕީއެމް އޮތީ ބަދަހިކޮށް ކަމަށާއި ރައީސް ޔާމީން ހުންނެވީ ސާބިތުކަމާއެކުގައި ކަމަށެވެ. އަދި ޝަހުދީއާ އިލްހާމް އަދި ލަތީފް ޕީޕީއެމް އިން ވަކިވެވަޑައިގަތުމަކީ އެ ޕާޓީގެ ސަފުތައް އިތުރަށް ބަދަހިވެގެން ދާނެ ކަމެއް ކަމަށެވެ.

ޕީޕީއެމްގެ ތެރޭގައި ބޮޑެތި މައްސަލަތައް އުފެދިފައިވާ މި ދަނޑިވަޅުގައި އެ ޕާޓީން ލަތީފް ވަކިވެވަޑައިގަތީ ޕީޕީއެމުން ކަންކަން ކުރައްވާ ގޮތާމެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ވިދާޅުވެ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ދާއިރާއަށް ހިދުމަތް ކުރަން ބޭނުންވެގެނެވެ ޝަހުދީ ވަކިވެވަޑައިގަތީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަށް ބޭނުން ނުވާތީ ކަމަށް ބުނެ އެވެ. އިލްހާމް ވަކިވެވަޑައިގަތް ވަކި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

މަަސީހުގެ އިތުބާރު ނެތް މައްސަލާގައި ޕީޕީއެމްގެ ތެރެއިން އިދިކޮޅު ފަރާތްތަކާ ގުޅިފަައި ވަނީ 10 މެންބަރުންނެވެ. ނަމަވެސް އެ ޕާޓީން ބުނަމުން އަންނަނީ އެ މެންބަރުން ވެސް ވޯޓު ދެއްވާނީ މަސީހުއާ އެއްކޮޅަށް ކަމަށެވެ.