ރިޕޯޓް

މައްސަލަ އައީ ޕީޕީއެމުން، މަސީހު ދެއްވީ ބީރުކަންފަތް!

Jul 10, 2017
10
  • މަސީހާމެދު ކަނބޮޑުވުން އުފަންވީ ޕީޕީއެމުން
  • މަގާމު ދިފާއު ކުރަން މަސީހު މަސައްކަތެއް ނުކުރައްވާ
  • މަސީހާ މެދު ތުހުމަތުތައް އިންތިހާއަށް ބޮޑު

އިދިކޮޅު ފަރާތްތަކުން މިހާރު ހުށަހަޅާފައިވާ، ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބަރު ނެތް ކަމުގެ މައްސަލައަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު މިހާތަނަށް ކުރިމެތިލައްވަން ޖެހި ވަޑައިގަންނަވާ އެންމެ ބޮޑު ސިޔާސީ އެއް ލޮޅުންގަނޑަށް ވާނެ އެވެ. ވޭތުވެ ދިޔަ ތިން އަހަރާ ބައި ތެރޭގައި ސަރުކާރު ކުރިމަތިލާން ޖެހުނު ބޮޑެތި މައްސަލަތަކުގައި ވެސް ސަލާމަތްކޮށްދިން "އައްޑަނަ" އަކީ މަޖިލީހުގައި ރައީސް ޔާމީނަށް ލިބި ވަޑައިގެންފައިވާ މެޖޯރިޓީ އެވެ. ނަމަވެސް ސަރުކާރު ފަޅީގައި އޮތް މަޖިލީސް މެންބަރުންގެ ބޮޑު "ލަޝްކަރެއް" ވަނީ މަންޒަރު ބަދަލުކޮށްލާފަ އެވެ.

މަސީހުގެ މައްސަލާގައި އިދިކޮޅު ފަރާތްތައް އެހާ ގަދައަށް ހިފުމުގައި، އެ ފަރާތްތަކުގެ ނިޔަތް ކޮންމެ ގޮތަކަށް އޮތް ކަމުގައިވީ ނަމަވެސް މިހާތަނަށް އައިރު ދައްކަމުން އަންނަނީ ކަންބޮޑުވުންތަކެއްގެ ވާހަކަ އެވެ. އެއީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ދާއިރު އިދިކޮޅު ފަރާތްތަކަށް ދޭން ޖެހޭ ވަރަށް ފުރުސަތު ނުދިނުމާއި ގާނޫނާއި ގަވައިދާ ހިލާފު ބިލުތަކެއް މަޖިލީހަށް ބަލައިގަތުމާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަހަމަ އުސޫލެއް ނުގެންގުޅުމެވެ. އިދިކޮޅު ފަރާތްތަކުގެ ޝަކުވާ އެންމެ ކުރީގައި ވެސް އަދި މިހާރު ވެސް ހުރީ އެއް ބީޓަކަށެވެ. ނަމަވެސް އެއިން އެއްވެސް އަސަރެއް މަސީހަށް ނުކުރެ އެވެ. އެއަޑު އިވިވަޑައިގަންނަވާ ކަމަކަށް ނުހައްދަވަ އެވެ.

ސަރުކާރު ޕްރެޝަރަށް ވެއްޓޭ ވަރަށް، މަސީހުގެ އިތުބާރު ނެތް މައްސަލަ މި ފަހަރު އެހާ ބޮޑަށް ހޫނުވީ ޕީޕީއެމްގެ ތެރެއިން ގިނަ މެންބަރުންތަކެއް ނުކުމެ ވަޑައިގެން ސަރުކާރާއި މަސީހާ ދެކޮޅަށް ތެދުވުމުންނެވެ. މި މަހުގެ ތިން ވަނަ ދުވަހު 45 މެންބަރުންގެ ސޮޔާ އެކު މަސީހުގެ މައްސަލަ އަލުން ހުށަހެޅުމަށް ފަހު އެ މެންބަރުންގެ ބައެއް އުދާސްތައް މި ވަނީ މީޑިއާއަށް ބަނޑުން ޖަހާލާފަ އެވެ. އަދި އެ މެންބަރުން މަސީހާ ދޭތެރޭ ހުރި ހިތް ހަމަ ނުޖެހުންތައް ދަނީ އޮއްސަމުންނެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި މީގެ ކުރިން ވެސް މަަސީހާ ދެކޮޅަށް ޕީޕިއެމްގެ ތެރެއިން މެންބަރުންތަކެއް މަސައްކަތް ކުރެއްވި އެވެ. އެހެންކަމުން އެ މައްސަލަ އުފަންވީ ޕީޕީއެމްގެ ތެރެއިންނެވެ.

"ޕީޕީއެމްގެ މެންބަރުންނާ ދޭތެރޭގަ އާއި އިދިކޮޅު ފަރާތްތަކާ މެދު ވެސް މަސީހު އަމަލު ކުރައްވާފައި ވަނީ އެންމެ ރަނގަޅު ގޮތަކަށް ނޫން. ބައެއް މައްސަލަތަކުގައި އަޅުގަނޑުމެންގެ ބަހަކަށް ވެސް ސަމާލުކަމެއް ނުދެއްވާ. އެގޮތަށް ކަންތައް ކުރައްވާތީ މަޑުމަޑުން ގޮސް އަޅުގަނޑުމެންގެ ތެރޭގައި ވެސް އެމަނިކުފާނާ މެދު ހިތްހަމަ ނުޖެހުންތަކެއް އުފެދުނީ. އޭގެ އިތުރުން އިދިކޮޅު ފަރާތްތަކާ މެދު ވެސް އަމަލު ކުރައްވަނީ އިންސާފުން ބޭރުން. އެފަދަ ހުރިހާ ސަބަބުތަކަށްޓަކައި މަސީހު މިހާރު ވެސް އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަންނަވާ،" މަސީހާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ޕީޕީއެމްގެ ފަރާތުން ސޮއި ކުރެއްވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ވިދާޅުވި އެވެ.

ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ޕީޕީިއެމްގެ ހުރިހާ މެންބަރުން ތިއްބެވީ އެކަން "ފިއްތާލައި" ގެނެވެ. ނަމަވެސް މެންބަރުންގެ ކެތްތެރިކަން ކުޑަވެގެން ދިޔައީ މިދިޔަ މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި މަސީހުގެ އަމަލުތައް ބެހެއްޓެވި ގޮތުންނެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނާ ބެހޭ ގޮތުން ސަރުކާރު ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން މެދުވެރިކޮށް ހުށަހެޅި ބިލްގައި 50 ހަކަށް އިސްލާހު އޮތެވެ. ނަމަވެސް ބިލު އައި އިރު 90 އާ ގާތް ކުރާ އަދަދަކަށް އިސްލާހު ހުށަހަޅާފައި އޮތެވެ. އެ ބިލު މެންބަރުންގެ އަތަށް އެރީ ވެސް މަޖިލީހަށް ހުށަހެޅުމަށް ފަހުގަ އެވެ. އޭގެ އިތުރުން އެ ބިލަށް ބަހުސްއަށް ފުރުސަތު ހުޅުވާލުމަށް ފަހު މަސީހު ކުއްލިއަކަށް މުގުރި ޖައްސަވާފައި ފުރުސަތު ބަންދުކޮށްލެއްވީ އެވެ. އެކަމާ ހެދި ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ކަންބޮޑުވުން ފާޅު ކުރި އެވެ.

"މަސީހު ދިޔައީ މަޖިލީހުގެ ތެރޭގައި އޮޅުވާލަމުން. މަޖިލީހުގައި ވަކާލާތު ކުރެއްވުމުގެ ފުރުސަތު ވެސް ދެނީ އެމަނިކްފާނު ބޭނުންވާ މެންބަރުންނަށް. ހަގީގަތަކީ މަސީހަކީ ކުރިމަތީގައި ބަހައްޓާފައި ހުރި ހިޔަންޏެއް... މަޖިލިހުން ފާސް ކުރާ ބިލުތަކަށް ހިޔާނަތްވާން ފެށީ. ނަމަވެސް މަޖިލީހަކީ ރައީސް ބޭނުންވާ ކަން ކުރަންވީތަނެއް ނޫން. ރައީސް ޔާމީނަށް ފާރަލާން އޮތް ތަނެއް. ނަމަވެސް މިކަހަލަ މައްސަލަތައް ހުރުމާ ގުޅިގެން މެންބަރުންގެ މެދުގައި ހިތްހަމަ ނުޖެހުން ގިނަވެ މިއަދު މިއޮތް ހާލަތަށް މި އޮތީ އައިސްފައި،" މަސީހުއާ ދެކޮޅަށް ރައްޔިތުން މަޖިލީހުގައި އެންމެ ފުރަތަމަ އަޑު އުފުލަން ފެށި، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ކުރިން މަަސީހާ މެދު ކަންބޮޑުވުންތައް ހުރީ ހުދު ޕީޕީއެމްގެ ތެރޭގަ އެވެ. ދެން އޮތީ އަނެއް ބޮޑު މައްސަލަ އެވެ. މަސީހާދެކޮޅަށް ޕީޕީއެމްގެ ތެރޭގައި ގިނަ މެންބަރުންގެ ކަންބޮޑުވުން ހުރިކަން ފެންމަތިވަމުން އައިއިރު ވެސް މަސީހު އެކަމަށް ދެއްވަނީ "ބީރު" ކަންފަތެކެވެ.

އިތުބާރު ނެތް މައްސަލާގައި މަސީހު ދުއްވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވާތާ އެތައް ދުވަހެކެވެ. އަދި ޕީޕީއެމްގެ މެންބަރުން ވެސް މިހާރު އެ ގެންދަވަނީ މަސީހު ހެއްދެވި ގޯސްތަށް ކަމަށް ބުނެ ފާޑު ވިދާޅުުވަމުންނެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް މަސީހު ރައްދެއް ނުދެ އެވެ. އިދިކޮޅު ފަރާތްތަކުން މުޅި ރާއްޖެއަށް ފެންނަ ގޮތަށް މަސީހަށް ފާޑު ވިދާޅުވާއިރު ވެސް މަގާމު ދިފާއު ކުރަން ނުވަތަ އަގު ހިފަހައްޓަން މަސައްކަތެއް ނުކުރައްވަ އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ނިންމާލުމަށް ފަހު މަސީހު ނިކުތް ގަޑިއަށް މީޑިއަތަކުން މަސީހު "އަތުލައިގަތުމުން" ވެސް ވިދާޅުވީ "ހުރިހާ ކަމެއް ދާނި ރަނގަޅަށް" ކަމަށެވެ. އިތުރު އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅެއް ނުވެ އެވެ.

"މަސީހު އެއްވެސް މަސައްކަތެއް ނުކުރައްވާ އަމިއްލަ މަގާމު ދިފާއު ކުރައްވާކަށް. އެއްކޮށް ދޫކޮށްލައިގެން ހުންނަވަނީ ރައީސް ޔާމީނަށް، އެމަނިކްފާނު ސަލާމަތް ކުރައްވާނެ ކަމަށް ބަލައިގެން. މަޖިލީހުގެ މެންބަރުންނާމެދު މާ ބޮޑު ވިސްނުންފުޅެއް ފިކުރެއް ނުބަހައްޓަވާ،" އިދިކޮޅު މެންބަރަކު ވިދާޅުވި އެވެ.

މިހާރު މި އޮތީ މަސީހު ކޮންޓްރޯލް ކުރި މަޖިލިސްގެ ބާރުތައް އިދިކޮޅަށް ލިބިފަ އެވެ. އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދަށް ބަލާ އިރު އިލެކްޓްރޯނިކް ނުވަތަ ރޯލް ކޯލް ވޯޓަކަށް ދިިޔަަކަމުގައި ވީނަމަވެސް މަސީހަށް ސަލަމަތް ވެވޭނެ އިތުރު މަގެއް އަދި ފެންނާކަށް ނެތެވެ.