ހަބަރު

ސްޓެލްކޯއިން ފިއުލް ސާޗާޖް ކަނޑާލައިފި

ތެލުގެ ޑިޔުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމާއި ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓްގެ ހިދުމަތުން ފިއުލް ސާޗާޖް ކަނޑާލައިފި އެވެ. ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ނައްދަލުވުމެއްގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް ވިދާޅުވީ ތެލަށްއައި ހެޔޮ ބަދަލާއި ގުޅިގެން އެކުންފުނިން ނަގާ ފިއުލްސަޗާޖްގެ ހިދުމަތް ކަނޑާލަން ނިންމާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކަސްޓަމަރުން ދައްކަންޖެހޭ ބިލުން 8.54 މިލިއަން ރުފިޔާ ކުޑަވެގެންދާނެ ކަމަށެވެ.

އަދި ތެލަށް ބަދަލު ގެނައި ދުވަހުން ފެށިގެން ސްޓެލްކޯގެ ބިލް ތަކަށްވެސް ބަދަލު އަންނާނެ ކަމަށާއި އެކަން ޖޫލައި މަހުގެ ބިލުން ނުފެނުނު ކަމުގައިވީ ނަމަވެސް އޮގަސްޓް މަހުގެ ބިލުން އެ ބަދަލު ފެންނާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

ސްޓެލްކޯއިން ފިއުލްސަޗާޖްގެ ގޮތުގައި އެންމެ ފަހުން ނަގާފައިވަނީ ޔުނިޓަކަށް 0.34 ލާރި އެވެ.

"ސަރުކާރުން ދަނީ ރައްޔިތުންގެ ފައިދާއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ފިއުލްސަޗާޖް ކަނޑާލުމުގެ ސަބަބުން ވަރަށް ބޮޑުތަން ކަރަންޓް ބިލުން އަގުހެޔޮ ވެގެންދާނެ. މިއީ އާބާދީގެ 50 ޕަސަންޓް ބޭނުންކުރާ ކަރަންޓް." ލަތީފް ވިދާޅުވި އެވެ.

ސްޓެލްކޯއިން ބުނީ އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ކަރަންޓް ބިލްތަކުން 4.57 މިލިއަން ރުފިޔާ ކުޑަވާނެ ކަަމަށާއި އަދި ވިޔަފާރިޔާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ކަރަންޓް ބިލުން 3.97 މިލިއަން ރުފިޔާ ކުޑަވެގެންދާނެ ކަމަށެވެ. އަދި އާންމު ދިރިއުޅުމުގައި 70 ޕަސެންޓް އަކީ 600 ޔުނިޓަށްވުރެ މަދުން ކަރަންޓް ބޭނުންކުރާ މީހުން ކަމަށާއި އެމީހުންގެ ބިލުން 10 ޕަސެންޓާއި 15 ޕަސެންޓް ކުޑަވެގެންދާނެ ކަމަށެވެ. އަދި 600 ޔުނިޓަށްވުރެ މަތިން ކަރަންޓް ބޭނުންކުރާ މީހުންގެ ބިލުން ހަތް ޕަސަންޓާއި ނުވަ ޕަސަންޓް ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ވިޔަފާރިތަކާއި އެހެނިހެން ބޭނުންތަކަށް 1000 ޔުނިޓަށް ވުރެ ދަށުން ބޭނުންކުރާ ކަރަންޓް ބިލުތަކުން ހަ ޕަސެންޓާއި ހަތް ޕަސެންޓް ކުޑަވާނެ ކަމަށެވެ. އަދި 1000 ޔުނިޓަށްވުރެ މަތިން ބޭނުންކުރާ ކަރަންޓް ބިލްތަކުން ހަ ޕަސެންޓް ކުޑަވާނެ ކަމަށެވެ.