ހަބަރު

މަޖިލީހުގައި ސަރުކާރަށް މެޖޯރިޓީ ގެއްލި، ނިކަމެތިވެއްޖެ

Jul 10, 2017
15
  • އިދިކޮޅަށް 44 މެންބަރުން ހަމަވޭ
  • ޕީޕީއެމް އިން އަށް މެންބަރަކު ވަކިވެއްޖެ
  • ސަރުކާރު ކޯލިޝަނަށް 40 މެންބަރުން

ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން މިއަދު އެއްފަހަރާ އެޕާޓީން ވަކިވުމުގެ ސަބަބުން ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަންއަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ އެވެ. މިއީ މިހާތަނަށް ސަރުކާރަށް ލިބުނު އެންމެ ބޮޑު ނިކަމެތިކަމެވެ.

މަޖިލިސް މެންބަރު ކަމަށް އިންތިހާބުވާ ޕާޓީ ފިޔަވާ އެހެން ޕާޓީއަކަށް މެންބަރަކު ބަދަލުވެއްޖެ ނަމަ، އެފަދަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަސީހުގެ އިތުބާރުނެއް މައްސަލާގައި ސޮއިކުރި ޕީޕީއެމްގެ 10 މެންބަރުންގެ ތެރޭގައި ހިމެނޭ އަށް މެންބަރުން ވަނީ ޕީޕީއެމްއިން ވަކިވެފަ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތް މަސައްލަ 45 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅުމުން ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެ މައްސަލަ ހުށަހެޅި 45 މެންބަރުންގެ ތެރޭގައި ޕީޕީއެމްގައި އޭރު ހިމެނޭ 10 މެންބަރުންގެ ސޮއިވެސް ހިމެނިފައި ވެއެވެ. ރައްޔިތުންގެ ލާބަޔަށް މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވެ މިއަދު އެކަނިވެސް ޕީޕީއެމްގެ އަށް މެންބަރުން ވަނީ އެޕާޓީން ވަކިވެފަ އެވެ. އަދި މަސީހުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރި ޕީޕީއެމްގެ ދެ މެންބަރުން ފިޔަވާ ހުރިހާ މެންބަރުން ވަނީ އެޕާޓީން ވަކިވެފަ އެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، ގާރީ ރަޝީދެވެ.

ޕީޕީއެމުން މިއަދު ވަކިވި މެންބަރުންގެ ތެރޭގައި ހިމެނެނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހަންމަދު އަބްދުﷲ (މުހަންމާ) އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މުހައްމަދު އެވެ.

އިއްޔެ ވަނީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ. މީގެ އިތުރުން ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރަން އެޕާޓީން ނިންމާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ވަނީ އެޕާޓީން މިއަދު ވަކިވެފަ އެވެ.

މަސީހުގެ އިތުބާރު ނެއް މައްސަލަ މަޖިލީހަށް ވެއްދުމުގެ ކުރިން ސަރުކާރު ނިސްބަތްވާ ޕީޕީއެމް އަދި އެމްޑީއޭގެ ކޯލިޝަނުގައި ޖުމްލަ 49 މެންބަރުން ތިއްބެވެ. ނަމަވެސް މިއަދު އެ ޕާޓީން ވަކިިވި ހަ މެންބަރުންނާއި އިއްޔެ ވަކިވި ތިން މެންބަރުންނާއެކު ޕީޕީއެމްގައި މިހާރު ތިބީ 35 މެންބަރުންނެވެ. އަދި އެމްޑީއޭގެ މެންބަރުންނާއެކު ކޯލިޝަންގައި މިހާރު ތިބީ ޖުމްލަ 40 މެންބަރުންނެވެ.

ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަނަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެންބަރުންތަކެއް ޕީޕީއެމުން ވަކިވުމުން މަޖިލީސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެގޮތުން މިހާރު އިދިކޮޅުގައި ތިބި މެންބަރުންނަށް ބަލާއިރު ޕީޕީއެމުން ވަކިވި ނުވަ މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ 22 މެންބަރުންނާއި ޖޭޕީގެ ހަތް މެންބަރުންގެ އިތުރުން އަދާލަތުގެ އެއް މެންބަރާއި މިނިވަން ފަސް މެންބަރުންނާއެކު ޖުމްލަ 44 މެންބަރުން އިދިކޮޅުގައި ހިމެނެ އެވެ. މަޖިލީހުގެ ޖުމްލަ މެންބަރުުންގެ އަދަދަކީ 85 މެންބަރުންނެވެ.