ހަބަރު

ގޮނޑި ގެއްލޭ މައްސަލައަށް ސަރުކާރު ކޯލިޝަންގެ ޕީޖީއިން ތާއީދުކޮށްފި

ސިޔާސީ ޕާޓީ ބަދަލުކުރާ ނަމަ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތަށް ދައުލަތުގެ ފަރަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ސަރުކާރުގެ ކޯލިޝަން، ޕީޕީއެމް އާއި އެމްޑީއޭގެ ޕީޖީ ގްރޫޕުން ތާއީދުކޮށްފި އެވެ.

ސަރުކާރު ކޯލިޝަންގެ ޕީޖީ ގްރޫޕްގެ މެންބަރުން ގާތްގަނޑަކަށް ތިން ގަޑިއިިރު ވަންދެއް ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރެއްވުމަށް ފަހު ޕީޕީއެމް އޮފީހުގެ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ގޮނޑިގެއްލޭ ގޮތަށް ބަދަލު ކުރުމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުން އެއްބަސްވެ، ރައީސް ޔާމީންއާ ބައިއަތު ހިއްޕެވި ކަމަށެވެ. އަދި ރައްޔިތުން އިންތިހާބު ކުރާ ގޮތަށް މަޖިލީސް މެންބަރުގެ ދައުރު ފުރިހަމަ ކުރުމަކީ މުޅި ސިސްޓަމުގައި އުފެދޭނެ އެންމެ ބޮޑު އިތުބާރުކަމަށް ވެގެން ދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ރައްޔިތުން އެދިވަޑައެއް ނުގަންނަވާނެ ވަރަށް އިހުލާސްތެރިކަމާއެކު ފޮނުއްވާފައި ތިއްބެވި މެންބަރުން [ޕާޓީ] ބަދަލުވެގެން ދާކަށް.
ސުޕްރީމް ކޯޓުގައި މިހާރު ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ހަމަ ސައްތާން ސައްތައަށް ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުގައި މިރޭގެ ހާޒިރީ ތާއީދު ކުރާ ވާހަކަ އިއުލާން ކުރަން،" ނިހާން ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް މެންބަރުން ވިއްކީ ރައީސް ޔާމީންގެ މެނިފެސްޓޯ ކަމަށާއި ނަމަވެސް އިންތިހާބު ވެވަޑައިގަތުމަށް ފަހު އަމިއްލަ މަންފާއަށް ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން ޕާޓީގެ އުސޫލުތަކާ ހިލާފަށް ދޫކުރައްވާ ވަޑައިގެންފި ނަމަ ގޮނޑިގެއްލެން ޖެހޭނެ ކަމަށާއި އެކަމަށް ޕާޓީގެ ފުރިހަމަ ތާއީދު އޮތް ކަމަށެވެ.

އެމްޑީއޭގެ ނައިބު ލީޑަރު ވެސް ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ރޫލިން އެގޮތަށް ނިމިއްޖެ ނަމަ އެއީ ލިބޭނެ އެންމެ ބޮޑު އެއް އުފަލަކަށް ވާނެ ކަމަށެވެ. އަދި ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުން ވެސް އަމަލު ކުރަނީ އެގޮތަށް ކަމަށެވެ.