ވިޔަފާރި

އެމެރިކަން އެކްސްޕްރެސް އިން ރާއްޖެއަށް ހާއްސަ ކެމްޕޭނެއް

ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ކާޑު ކަމަށްވާ "އެމެރިކަން އެކްސްޕްރެސް" އިން ރާއްޖެ ޕްރޮމޯޓް ކުރަން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ "ޓީޓީއެމް ފެއާ" އާ ދިމާކޮށް ފެށި މި ކެމްޕޭނާ ބެހޭ ގޮތުން، އެމެރިކަން އެކްސްޕްރެސް ކާޑުގެ ހިދުމަތް ރާއްޖޭގައި ދޭ ބޭންކް އޮފް މޯލްޑިވްސް ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވީ އެމެރިކަން އެކްސްޕްރެސް ކާޑަކީ ރާއްޖޭގެ ރިސޯޓުތަކުގެ 25 ޕަސެންޓް ބޭނުންކުރާ ކަމަށެވެ.

" ރާއްޖެއަށް މިއީ ވަރަށް މުހިއްމު ހަރަކާތެއް. މި ކެމްޕޭންގެ ތެރެއިން ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ވެގެން ދާނެ،" ހީލީ ވިދާޅުވި އެވެ.

"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭން ކުރިއަށް ގެންދަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެންޑޯޒް ކޮށްގެންނެވެ. އަދި މި ކެމްޕޭންގައި ރާއްޖޭގެ ވިއްސަށް ވުރެ ގިނަ ރިސޯޓު ބައިވެެރިވެފައިވެ އެވެ.

އެމެރިކަން އެކްސްޕްރެސް ބޭންކިން ކޯޕަރޭޝަންގެ ސީނިއަ ވައިސް ޕްރެޒިޑެންޓް މަނޯޖް އަދްލަހާ ވިދާޅުވީ މި ޕްރޮމޯޝަންގެ ސަބަބުން ރާއްޖެ ޕްރޮމޯޓް ވުމަށް ބާރަކަށްވާނެ ކަމަށެވެ.

"އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ މީހުންގެ އަދަދު 20 މިލިއަނަށް އަރާ. މި ހަރަކާތުން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ގިނަ ފަރާތް ތަކެއް ރާއްޖެ ޒިޔާރަތްކޮށް ރާއްޖެއަށް އިގުތިސޯދީ ފައިދާތަކެއް ވެގެންދާނެ،" މަނޯޖު ވިދާޅުވި އެވެ.