ޓެކްނޯލޮޖީ

ހައްޖުވެރިންނަށް ދެން ލިބޭނީ އެއާކޯން ކުރި ކުޑަ!

ޙައްޖަށްދާ މީހުންނަށް އެންމެ ބޮޑު ވޭނެއް ތަހަައްމަލު ކުރަން ޖެހެނީ ސައުދީ އަރަބިއްޔާގެ ގަދަ ހޫނުގެ ސަބުންނެވެ. އެކަމުގެ ސަބަބުން ހައްޖާޖީންގެ އެތައް ބަޔަކަށް ކޮންމެ އަހަރަކު ހޮސްޕިޓަލުތަކުގައި ފަރުވާދޭން ޖެހެއެވެ. އެެ ގައުމުގެ ފިނިހޫނުމިން މިހާރުވެސް 40 ޑިގްރީ ސެލްސިއަސްގައި ހުރި އިރު ހައްޖު މޫސުމުގައި އަދި މިއަށްވުރެ ހޫނު ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާ ކުރެއެވެ.

އެކަމާ ދޭތެރޭ ފުންކޮށް ވިސްނި އެކަކީ މައްކާގެ އިންޖިނޭރެއް ކަަމަށްވާ މުޙައްމަދު ހާމިދު ސަޔީޣް އެވެ. އޭނާ ވަނީ ހައްޖާޖީންނަށް ލުޔެއް ލިބޭނެ ގޮތެއް އެންމެ ފަހުން ހޯދާފަ އެވެ. ސަޔީޣް އުފެއްދީ ކުޑަ ހަރަދެއް ހިނގާ އެހާމެ ލުއި، އެއާކޯން ކުރި ކުޑައެކެވެ.

އެއާކޯން ކުރި ކުޑަ ރަސްމީކޮށް ތައާރަފް ކުރަން ބަނދަރުމަތީ ރަށް ޖިއްދާގައި އިއްޔެ ބޭއްވި ހަފުލާއެއްގައި ސަޔީޣް ބުނީ އެނާ ފުރަތަމަ ވިސްނީ ކުޑަައިިގައި ފަންކާއެއް ހަރުކުރަން ކަމަށެވެ. ފަންކާގެ ބަދަލުގަައި ސީދާ އެއާކޯން ހަރުކޮށްގެން އުފެއްދި ކުޑައިގެ ތައާރަފްގައި އޭނާ ބުނީ އެކުޑައިގައިވާ ބެޓެރީ ކަރަންޓުގެ އިތުރުން އަވިން ވެސް ޗާޖް ކުރެވޭނެ ކަމަށެވެ.

"މި ވަރަށް ލުއިވާނެ ، ބަރުދަނުގައި ހުންނާނީ އެންމެ 610 ގްރާމް. ހުންނާނީ ދެ ސްޕީޑަކަށް އެނބުރޭ ފަންކާއެއް. ކުޑައިގެ ފޮތިގަނޑުގެ ދަށުގައި ހަރުުކޮށްފައިވާ ކޮންމެ ފެންފުޅިއެއް ވެސް ފަސޭހަކަމާ އެކީ ގުޅާ ލެވޭ އިރު ސްޕްރިންކޫލާ ތަކަށް ފެން ފޮނުވަން ހުންނާނީ އަތު ބުންބާއެއް،" ސަޔީޣް ބުނި ކަމަށް ސައުދީ ގެޒެޓް ނޫހުގެ ހަބަރުގައި ވެއެވެ.

" މައްކާ އަމްރެއްލާ" ގެ ނަމުގައި ސަޔީޣް އިންވެންޓް ކުރި ފަންކާ ޗައިނާގައި އުފައްދައިގެން މިހާރު ވަނީ އޭގެ ޝިޕްމަންޓްތައް ޖިއްދާއަށް ގެންގޮސްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ފިނިހޫނުމިން މަތިވުމުގެ ސަބަބުން ﷲ ގެ މެހުމާނުންނަށް ދަތިތައް ކުރިމަަތިވާނެތީ ހައްޖު މޫސުން ފެށުމުގެ ކުރިން ފަންކާތައް ލިބޭނެ ގޮތް ހަދަން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނެވެ.

"އަހަރެމެން ކަށަވަރު ކުރިން މީގެ އަގުވެސް މީހުންނަށް އަތްފޯރާ ވަރުގެ އަގަކަށް ވާނެކަން،" ސަޔީޣް ބުނި ކަމަށް ސައުދީ ގެޒެޓް ނޫހުގައި ވެއެވެ.