ހަބަރު

އިދިކޮޅުން ކަންބޮޑުވަނީ މެންބަރުން ގަނެވިއްކާ ބާޒާރުން ގެއްލިދާނެތީ

އިންތިހާބުވާ ޕާޓީގެ ވިޕްލައިންއާ ހިލާފުވާނަމަ ނުވަތަ ޕާޓީން ވަކިވެ އެހެން ޕާޓީއަކަށް ގުޅިއްޖެނަމަ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ބަދަލު ކުރަން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގަނެވިއްކާ ބާޒާރު ގެއްލިދާނެތީ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަލީލް މިހެން ވިދާޅުވީ ވަކި ހާލަތްތަކެއްގައި މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ހަދަން އެޓާނީ ޖެނެރަލްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން ހަލީލް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ނަޒާހަތްތެރިވެއްޖެ ނަމަ ކަންކަން ހިނގާނީ ހިނގާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދާ ކަމަށެވެ. އަދި އެ ބަދަލު ގެނައުމަށް ދެކޮޅު ހަދަނީ ބައެއް މަޖިލީސް މެންބަރުންނަށް ގަނެ ވިއްކާ ބާޒާރު ގެއްލިދާނެތީ ކަމަށެވެ.

"ގަނެވިއްކާ މުދަލަކަށް މަޖިލީސް މެންބަރުން ހެދުމަށް އިދިކޮޅު ފަރާތްތަކުން މި ކުރާ މަސައްކަތައް ދިވެހި ރައްޔިތުން ވަނީ ނޫނެކޭ ބުނެފައި،" ހަލީލް ވިދާޅުވި އެވެ.

ގޮނޑި ގެއްލޭ ގޮތަށް ބަދަލު ކުރުމަކީ ގާނޫން އަސާސީއަށް ފުށު އަރާ ކަމެއް ކަމަށާއި އަދި އެއީ އެއްވެސް ކޯޓަކަށް ނިންމޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން އައި ނަމަވެސް ސަރުކާރު ކޯލިޝަންގެ ދެ ޕާޓީ، ޕީޕީއެމް އަދި އެމްޑީއޭ ވަނީ އެ މައްސަލައަށް ތާއީދުކޮށްފަ އެވެ.