ހަބަރު

ފާރިސްގެ މައްސަލަ އަންނަ ބުރާސްފަތި ދުވަހަށް

ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝރީއަތް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކާއި އިސްކޮށް ހަރަކާތްތެރިވާ ފާރިސް އަށް ކުރާ ދައުވާ އަކީ ޝަހުސު އޮޅުވާލުމުގެ ދައުވާއެވެ. ފާރިސް އަށް އެ ދައުވާ އުފުލާފައިވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރި ކަމަށް ބުނެެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި ޝަރިއްޔާތުގައި ފާރިސްގެ މައްސަލަ ފަސް ކުރަން ކޯޓުން ނިންމީ، މައްސަލަ ތާވަލު ކުރުމުގައި ގަވައިދާ ހިލާފުވެފައި ހުރި ކަމަށް ފާރިސްގެ ވަކީލުން ފާހަގަ ކުރެއްވުމުންނެވެ. އެގޮތުން މީގެ ކުރިން މި މަހު 17 ވަނަ ދުވަހު އެ މައްސަލާގެ އަޑުއެހުން ބޭއްވުމަށް ތާވަލު ކުރި ނަމަވެސް ރޭ ކުއްލި ގޮތަކަށް ޗިޓު ފޮނުވާ މިއަދު އަޑު އެހުން ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

"އެހެންކަމުން އަދުލުވެރިކަމާއެކު މި ޝަރިއްޔަތް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެންނަށް ތައްޔާރުވުމަށް ވެސް އެކަށީގެންވާ ވަރަށް ފުރުސަތު ލިބިފާ ނުވުމުން އެ މައްސަލަ ފާހަގަ ކުރީ. އަޅުގަނޑުމެން ފާހަގަ ކުރި އަނެއް މައްސަލައަކީ ގާޒީވެސް ބަދަލުވެފައިވާކަން. އެކަންކަމަށް ރިއާޔަތްކޮށް ނިންމެވީ މައްސަލަގެ އިބްތިދާއީ އަޑު އެހުން މި މަހުގެ 20 ވަނަ ދުވަހަށް ފަސް ކުރަން،" ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ.

ޝަހުސު އޮޅުވާލުމުގެ ދައުވާ ފާރިސްއަށްކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް ރިޝްވަތު ދެއްވުމުގައި ފާރިސް އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކޮށް އެމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.