ވިޔަފާރި

މިފްކޯ އިން ދަޅުމަސް އަގު ހެޔޮކޮށްފި

Apr 14, 2015

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދަޅު މަހުގެ އަގު ހެޔޮކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މަސް ކުންފުނިވާ މިފްކޯއިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ހާއްސަ ޕްރޮމޯޝަންގެ ދަށުން ދަޅު މަހުން 5-15 ޕަސެންޓުގެ ޑިސްކައުންޓެއް މިހާރު ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ނިންމާނެ ވަކި ތާރީހެއް ކަނޑައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮމޯޝަންގައި ހޯލް ސޭލްކޮށް ވިއްކުމަށް ވެސް ވަރަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައި ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިފްކޯގައި ދެ ބްރޭންޑެއްގެ ދަޅު މަސް ވިއްކަ އެވެ. މި ޕްރޮމޯޝަންގައި އެ ކުންފުނިން ވިއްކާ "ފެލިވަރު" ބްރޭންޑާއި "ފަސްމީރު" ބްރޭންޑުގެ ދަޅު މަހުގެ އަގުވެސް ވަނީ ހެޔޮކޮށްފަ އެވެ.

އެ ކުންފުނިން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވީ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ޕާޓްނަރުންނަށް ހާއްސަ އަގުތަކެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ގެންދަން ގޭދޮށު ފިހާރައިގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް. ޕާޓްނާޝިޕް މި ޕްރޮގްރާމުގައި ބައިވެރިވެފައިތިބި ފިހާރަތަކަށް ހާއްސަ އަގެއް ލިބޭނެ.މީގައި އެބަހުރި އެއް ކޭހާއި ނުވަ ކޭސް ވަރު ނެގުމުން ލިބޭ ޑިސްކައުންޓް ތަކެއް ވެސް. އޯޑަރު ދިނުމުން ދަޅު މަސް ގެންގޮސް ދިނުމުގެ ހިދުމަތް ވެސް ދެން،" އޮފިޝަލް ވިދާޅުވި އެވެ.

މިފްކޯ އިން ދަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވަނީ އެ ކުންފުނީގެ މަސް ފިހާރަ ބޮޑުކޮށް ޒަމާނީ ކުރުމުގެ މަސައްކަތްތަކެއް ފަށާފަ އެވެ.