ދުނިޔެ

372 މިލިއަން ޑޮލަރުގެ ޖަވާހިރެއްގެ ވެރިޔާ ކަނޑައަޅަން އެމެރިކާގައި ޝަރީއަތެއް

Apr 14, 2015

މީގެ 10 އަހަރު ކުރިން ބްރެޒިލްގެ މައިނަކުން ނަގައިގެން އެމެރިކާ އަށް ގެންގޮސްފައިވާ ބޮޑު "އެމެރަލްޑް" ޖަވާހިރެއްގެ ހަގީގީ ވެރިޔަކީ ކާކުތޯ ކަނޑައެޅުމަށް ޝަރީއަތެއް ކުރިއަށް ގެންދިއުމަށް ލޮސް އެންޖަލިސްގެ ގާޒީއެއް ހުއްދަ ދެއްވައިފިއެވެ.

ޖަވާހިރުގެ ވިޔަފާރި ކުރާ ފަރާތްތަކާއި، މައިން ކުރާ މީހުންނާއި އަދި ރިއަލް އެސްޓޭޓް ވިޔަފާރިވެރިން ވެސް މިއީ އެ މީހުންގެ އެއްޗެއް ކަމަށް ދައުވާ ކުރާ އެމެރަލްޑްގެ ބަރުދަނަކީ 840 ޕައުންޑެވެ. އަދި މީގެ އަގެއް ކަމަށް އެއް ފަހަރަކު ބެލެވިފައިވަނީ 5.7 ބިލިއަން ދިވެހި ރުފިޔާއެވެ. އެއީ 372 މިލިއަން އެމެރިކާ ޑޮލަރެވެ.

މި އެމެރަލްޑް ހޯދުމަށް ބްރެޒިލް ސަރުކާރުން ވެސް މިހާރު ވަނީ އެދިފައެވެ. ބްރެޒިލް ސަރުކާރުން ބުނީ މިއީ އެ ގައުމުގެ މިލްކެއް ކަމަށާއި އެހެންކަމުން އެ ގައުމުގެ ރައްޔިތުންނަށް އަނބުރާ ދިނުމަށެވެ.

ނަމަވެސް އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މައިކަލް ޖޯންސަން ވިދާޅުވީ މި ފަދަ ޝަރީއަތެއް ހުއްޓުވަން ބްރެޒިލް ސަރުކާރަށް އެކަށީގެންވާ ހެއްކެއް ދެއްކިފައި ނެތް ކަމަށެވެ.

"ބަހިއާ" ނަމަކަށް ކިޔާ މި ބާވަތުގެ އެމެރަލްޑް އަކީ ސައިޒުގެ ގޮތުން އެންމެ ބޮޑު އެއް އެމެރަލްޑްއެވެ.