ޓެކްނޯލޮޖީ

ޅަ ވެލައަށް އޮއެވަރާ ދެކޮޅަށް ފެތޭ: ދިރާސާ

Apr 14, 2015

ތުއްތު ވެލާއަކީ ގަދަފަދަ ފެތުންތެރިން ކަމާއި އޮއެވަރާ ދެކޮޅަށް ފެތުމުގެ ބާރާއި ގާބިލިއްޔަތު ހުންނަކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނާއި ޔުނިވާސިޓީ އޮފް ސެންޓްރަލް ފްލޮރިޑާގެ ސައިންޓިސްޓުން ވިދާޅުވި ގޮތުގައި މި ކަމުގެ ސަބަބުން ވެލާ ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

ކުރިން ހީކުރެވިފައިވާ ގޮތުގައި ވިހައިގެން ކަނޑަށް ނުކުންނަ ކުދިކުދި ވެލާތަކަކީ އާރެއްބާރެއް ނެތް އެއްޗެއް ކަމަށެވެ. އޮޔާ ދާނެ ތަނަކަށް ގޮސް އެހެނިހެން ބޮޑެތި މަހުލޫގުންގެ ޝިކާރައަކަށްވެ، އިތުރު އެތައް ނުރައްކާތަކާ ކުރިމަތިލާން ޖެހި، މަރުވާ ކަމަށެވެ.

"ދުނިޔެއިން އެއްކޮށް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދިފައިވާ މި މަހުލޫގުން ސަލާމަތް ކުރަން ކުރެވޭ މަސައްކަތުގައި މި ދިރާސާގެ ނަތީޖާއިން އިތުރަށް އެހީ ލިބޭނެ. ވެލާގެ ޅަފަތުގައި އެ ސޮރުމެން ސަލާމަތް ވާ ގޮތާއި އުޅުމާއި ހަރަކާތްތައް ހުންނަ ގޮތް މި ދިރާސާއިން ހާމަވި،" ސެންޓްރަލް ފްލޮރިޑާގެ މެރިން ޓާޓްލް ރިސާޗް ގްރޫޕްގެ ޑައިރެކްޓަރު ކޭޓް މޭންސްފީލްޑް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ދިރާސާގެ ސަބަބުން ވެލާ ދަތުރު ކުރާ މިސްރާބު އެނގިގެން ދާތީ ވެލާ އުޅޭ ސަރަހައްދުތައް ދެނެގަނެ، އެ ތަކެއްޗަށް ސަލާމަތްތެރިކަން ދޭން ފަސޭހަ ވެގެން ދާނެ ކަމަށެވެ.