ހަބަރު

ހަމަޖެހުން ނަގާލުން ނާކާމިޔާބު ކޮށްލާނީ ގާނޫނުގެ ތެރެއިން: ސައީދު

ގައުމުގެ ހަމަޖެހުން ނަގާލަން ރާވާ މަކަރުވެރި ރޭވުންތައް ﷲގެ ވާގިފުޅާއެކު ސާރުކާރުން ނާކާމިޔާބު ކޮށްލާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިރޭ ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށާއި ރައީސް ޔާމީނަކީ ރައްޔިތުން އިންތިހާބުކޮށްފައި ހުރި ވެރިއެއް ކަމަށެވެ. އަދި ޑިމޮކްރަސީއަކީ ގާނޫނީ އިމުގެ ތެރެއިން ވަކި މީހަކަށް ނުވަތަ ވަކި އާއިލާއެއް ތަފާތު ކުރުމެއްނެތި ހިންގޭ ވެރިކަމުގެ ނިޒާމެއް ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީވެސް ވަނީ މިރޭ މި ސަރުކާރުން ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައީދު އަދި ޝައިނީ މިހެން ވިދާޅުވިއިރު ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ފުލުހުން ހައްޔަރު ކޮށްފައިވަނިކޮށެވެ. ފާރިސް ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ ފާރިސް ދިރިއުޅޭ އެޕާޓްމަންޓް ބަލާ ފާސްކޮށްފަ އެވެ. އަދި ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނެ ތަހުގީގް ކުރަމުންދާ މައްސަލައިގަ އެވެ. ފާރިސް އަކީ ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅެކެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށްވެސް ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ޝަރީއަތް ވަނީ ފަށާފަ އެވެ.