ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް ނިސްބަތްވާ ހަތަރު މެންބަރަކު އެ ޕާޓީން ވަކިވިކަން ކަމާބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ. އެކަން އިއުލާން ކުރީ މިރޭ އެ ޕާޓީން ބޭއްވި ކައުންސިލު ބައްދަލުވުމަށް ފަހު އެވެ.
ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއެކު މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ކައުންސިލް މެންބަރަކު ވިދާޅުވީ ހަތަރު މެންބަރުން ޕާޓީން ވަކިވިކަން ރައީސް ޔާމީނު އިއުލާނު ކުރެއްވި ކަމަށާއި އެކަން މަޖިލީހަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ.
އެ މެމްބަރުންނަކީ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.
މިރޭ ގޮތަށް ނިންމައި ޕީޕީއެމުން އިއުލާން ކުރި އިރު ސައުދުއާއި އަމީތު އަދި ވައްޑޭ ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް މީގެ ކުރިން ވެސް ޕީޕީއެމުން އިއުލާންކުރި އެވެ. އަދި މީގެ ކުރިން ލަތީފުވެސް ވަނީ އަމިއްލަފުޅަށް ޕީޕީއެމުން ވަކިވެވަޑައިގެންނެވި ކަމަށް އިއުލާން ކުރައްވާފަ އެވެ.
މަޖިލީހުގެ ފްލޯ ކްރޮސިންގެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން އެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ ގޮނޑި ގެއްލެ އެވެ. ނަމަވެސް ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ބުނަނީ ގޮނޑި ނުގެއްލޭނެ ކަމަށެވެ.