ހަބަރު

ހަތަރު މެންބަރެއްގެ ގޮނޑި ގެއްލި ބައި އިިލެކްޝަން އިއުލާންކޮށްފި

Jul 19, 2017
15

ޕާޓީއިން ވަކިވުމުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލި، އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަން އިން ނިންމައި އެކަން މިއަދު އިއުލާން ކޮށްފި އެވެ.

އީސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމް އިން ވަކިކޮށްދިނުމަށް އެދި އެ ޕާޓީން އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ ހަތަރު ބޭފުޅުންގެ ނަން ޕާޓީގެ ދަފްތަރުން އުނި ކުރެވިފައިވާ ކަން އެ ދުވަހު އެ މެންބަރުންނަށް އަންގާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ރިޔާއަތްކޮށް އީސީ އިން ބުނީ، މިހާރު ހުސްވެފައިވާ ހަތަރު ދާއިރާގައި ބައި އިލެކްޝަނެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ހަތަރު މެންބަރުން ވަކިކުރަން އީސީއިން ނިންމާފައި ވަނީ ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އަމުރުގައި ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކަށް ހުކުމުގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށް ބުނެފައިވާތީ އެކަމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އެ އަމުރުގައި ވާ ގޮތުން ޕީޕީއެމްއިން ވަކިވާން ހުށަހެޅި މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އައި ނަމަވެސް ޕީޕީއެމްއިން އިން އެކަމާ ދެކޮޅު ހަދަ އެވެ.

ވައްޑޭއާ، ސައުދުއާ އަމީތު އަދި އަބްދުއްލަތީފްގެ ގޮނޑި ގެއްލިފައިވާ އިރު އިތުރު ހަ މެންބަރެއް ވެސް ވަނީ ޕީޕީއެމް އިން ވަކިވުމަށް އެދިފަ އެވެ. ނަމަވެސް އެ މެންބަރުންގެ ވަކިވުމާ މެދު ގޮތެއް ނިންމަވާނީ ސުލޫކް ކޮމިޓީން ކަމަށް ޕީޕީއެމްއިން ބުނެއެވެ. ނަމަވެސް އެ މެންބަރުންނަށް އަދިވެސް ޕީޕީއެމްއާ ގުޅުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލައިފަ އެެވެ.

ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައި މި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައެއް 45 މެންބަރުންގެ ސޮޔާއެކުގައި ހުށަހަޅާފައިވަނިކޮށެވެ. އަދި އެ މައްސަލާގެ ނޯޓިސްވެސް މަޖިލީހުން މެންބަރުންނަށް ވަނީ ފޮނުވާފަ އެވެ. ނަމަވެސް ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހަތަރު މެންބަރުންގެ ގޮނޑި ގެއްލުމުން ސޮއި ހުށަހަޅާފައިވާ މެންބަރުންްގެ އަދަދު 41 އަކަށް ވެއްޓި އިތުބާރު ނެތް މައްސަލަ ބާތިލު ވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ކައުންސިލް މެންބަރަކު ވަނީ ވިދާޅުވެފަ އެވެ.