ހަބަރު

ފާރިސް ހައްޔަރު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް: ވަކީލުން

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ޝަރީއަތް ނިމެންދެއް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އޭނާގެ ވަކީލުން މިރޭ ބުނެފި އެވެ. އޭނާގެ ވަކީލުން ވިދާޅުވަނީ ފާރިސް ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ މުޅިން ހިލާފަށް ކަމަށެވެ.

ފާރިސް ހައްޔަރުކޮށް ދޫނިދޫގައި ބަންދު ކުރެވިފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައަށް ނުފޫޒު ފޯރުވާ މެންބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ.

އެކަމާ ގުޅިގެން ފާރިސްގެ ވަކީލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ ދައުލަތުގެ ފަރާތުން ފާރިސްއާ މެދު ކުރައްވާ ހުރިހާ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ދައުލަތަކަށް ފާރިސްއާ މެދު ގަބޫލު ކުރެވޭ ވަރުގެ ހެއްކެއް ގަރީނާއެއް ދެއްކިފައި ނުވާ ކަމަށާއި ޕީޖީއަށް ފޮނުވިޔަސް މި މައްސަލަ އަނބުރާ ފޮނުވާލާނެ ކަމަށެވެ. އެއީ މި މައްސަލައަކީ އެއްވެސް ހެއްކަކާ ނުލާ ފާރިސްގެ މައްޗަށް އުފައްދާފައިވާ ތާކުންތާކު ނުޖެހޭ މައްސަލައެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

"މުއްދަތު މަޖިލީހުގައި މިއަދު އަމުރު ނެރުއްވި އިރު ވެސް ކަނޑައެޅިގެން އެނގެން އެބައޮތް ތަހުގީގު ފުރިހަމަ ނުވާކަން. ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗައް ދައުވާއެއް އުފުލާނެ ކަމަށް ވެސް އަދި ނެތް އެނގޭކަށް. އަޅުގަނޑުމެންނަށް ހެއްކާ ގަރީނާ ކަމަށް ވެސް ނުވަތަ އެ ފެންވަރަށް ވެސް އަރާ އެއްޗެއް ކަމަށް ބެލެވޭ ވަރު އެއްޗެއް ހާމަވެފައި ނެތް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ފާރިސް ހައްޔަރު ކުރުމަށް ފުލުހުން އަމަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ މީހާގެ ހައްޔަރާ މެދު ގޮތެއް ނިންމުމަށްޓަކައި އެންމެ ކައިރީ ހުންނަ ޕޮލިސް ސްޓޭޝަނަކަށް ގެންދަން ވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ފާރިސް ގެންދެވީ ސީދާ ދޫނިދޫއަށް ކަމަށެވެ.

"އެ އިޖުރާއަތްތަކަށް އަމަލުކޮށްފައި ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުވެފައިވާތީ އެހިނދުން ފެށިގެން ވެސް ފާރިސް މައުމޫން ބަނދުގައި ބަހައްޓައިގެން ގެންދިޔަ ގެންދިޔުމަކީ ބާތިލް އިޖުރާތެއްގެ ދަށުން ކޮށްފައިވާ ކަމެއް. އެކަންކަމުގެ މައްޗައް އެކަނި ރިއާޔަތް ކުރިޔަސް ފާރިސް މައުމޫން ބަންދުކޮށްފައި ހުރީ ގާނޫނާ ހިލާފަށް ކަން ސާބިތުވޭ،" މައުމޫން ވިދާޅުވި އެވެ.

އޭގެ އިތުރުން ފާރިސްގެ ހައްޔަރު ކުރުމަށް އަމުރަކަށް އެދުމާއި އަމުރު ނެރި އަމުރު ތަންފީޒުކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށާއި އެ ގަވައިދުގައި އިތުބާރު ނެތް މައްސަލައެއް ހުށަހެޅިފައި އޮތް ވަގުތަކު އެެއްވެސް މެންބަރަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެއް ފާރިސް ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުނީ މިކަމަކީ ޖިނާއީ ބޮޑު ކުށެއް ކަމަށްވާތީ އާއި ފާރިސް ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވާ ހެކި ނައްތާލަފާނެ ކަމަށާއި އަދި ދޫކޮށްލާފައި ބަހައްޓައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް މުއްދަތު މަޖިލީހުގައި ބައިވެރިވި ފުލުސް އޮފިސަރު ވިދާޅުވި ކަމަށް މައުމޫން ވިދާޅުވި އެވެ.

އޭގެ އިތުރުން ފުލުހުންނަށް ލިބިފައިވާ ހެކިތަކަކީ އިންޓެލިޖަންސްއަށް ލިބިފައިވާ ސިއްރު މައުލޫމާތާއި، ސިއްރު ހެއްކެގެ ފަރާތުން ލިބިފައިވާ ހެކި ބަހާއި، ތުހުމަތު ކުރެވޭ ފަރާތުގެ ފޯނުން ލިބިފައިވާ މެސެޖުތަކުގެ ތަފްސީލެއްގެ އިތުރުން މައްސަލައާ ގުލިގެން ލިބިފައިވާ ވީޑިއޯއެއްގެ އޯޑިއޯ ޓްރާންސްކްރިޕްޓެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ފާރިސްގެ ގެ ބަލާ ފާސްކުރި އިރު އެތަނުން ނަގާފައިވާ ސާމްޕަލް ބެންކް ސިގްނިޗާ ކާޑުތަކެއް އަދި ގަނޑެއްގައި އިތުބާރު ނެތް ކަމާ ގުލޭ މައުލޫމާތު ހިމެނޭ ދެ ގަނޑުވެސް ފުލުހުންގެ ފަރާތުން ޝަރީއަތައް ހުށަހެޅި ކަމަށް މައުމޫން ވިދާޅުވި އެވެ.