ހަބަރު

އެސެޓްސް ރިކަވަރީ ކޮމިޝަނެއް ރައީސް އުފައްދައިފި

Jul 20, 2017
10
  • ފަސްމެންބަރުންގެ ކޮމެޓީގެ ރިޔާސަތު އަޒްލީނަށް
  • ކޮމިޝަން ކުރިޔަށް ގެންދާނީ އަހަރު ދުވަހަށް
  • ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދާނެ

ދައުލަތަށް ހިޔާނާތްވެފައިވާ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ރިޔާސީ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައި ސަރުކާރުން އެކަން އިއުލާންކޮށްފި އެވެ. އެ ކޮމިޝަނަށް ދީފައިވާ ނަމަކީ ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ އެވެ. ރިޔާސީ މި ކޮމިޝަން ރައީސް އުފައްދާފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައި ގަންނަވާ ބާރުގެ ދަށުން އެއް އަހަރު ދުވަހަށެވެ.

ރައީސް އޮފީހުގައި ހުންނަވައިގެން ކޮމިޝަންގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވާ ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވީ މިއީ އަލުން އަންނަ ކަމެއް ބަލާ ކޮމިޝަނެއް ނޫން ކަމަށާއި މިއީ މިހާތަނަށް ލިބެން ޖެހޭ ފައިސާތަކެއް ހިމެނޭ މައްސަލަތަކަކަށް އަމާޒުކުރެވިގެން އެއް އަހަރު ދުވަސްތެރޭގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކޮމިޝަނެއް ކަމަށެވެ.

އެ ގޮތުން މީގެ ކުރުން އޮޑިޓާ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކޮށްފައިވާ ހިޔާނާތްތަކުގައި ހިމެނޭ ފައިސާ މި ކޮމިޝަނުން އަނބުރާ ހޯދާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ވަކި ގޮތަކަށް އަންގަވަންދެން ކޮމިޝަން ހިނގާނީ އެއް އަހަރު ދުވަހު ކަމަށެވެ.

"ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިިނަ ފައިސާތަކެއް އެބަ ހުރި. ނަމަވެސް އެ ފައިސާތައް ހޯދުމަށް ލަސްތަކެއްވަމުން ދާތީ ރައީސުލްޖުމްހޫރިއްޔާ މިވަނީ ވަޒީރުންގެ މަޝްވަރާއާއެކީގައި އެކަމަށް ހާއްސަކޮށް ކޮމިޝަނެއް އެކުލަވާލާފައި. މިހާތަނަށް ނިމިފައި ހުރި ރިޕޯޓުތަކުގެ މައްޗައް ބިނާކޮށް ލިޔެކިޔުންތައް ހޯދުމަށް ފަހު ފައިސާ ރިކަވާ ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ،" އަނިލް ވިދާޅުވި އެވެ.

ކޮމިޝަންގައި ތިއްބަވާ ބޭފުޅުން

ހޯމްމިނިސްޓަރު އަހުމަދު އަޒްލީން (ރިޔާސަތު)
ރައީސް އޮފީހުގެ ސުޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު
ހަދީޖާ ހަސަން
ޑރ. އިބްރާހިމް މަހުފޫޒް
ރޭނީޒް އަހުމަދު ސަލީމް

އަނިލް ވިދާޅުވީ ރައީސްގެ ގަރާރަކުން މި ކޮމިޝަން އުފެއްދެވީ ޖުލައި 17 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާގެ މަތީން ކަމަށާއި ކޮމިޝަނުން ބަލާ މައްސަލަތަކާއި ގުޅުން ހުރި ލިއުންތައް ހޯދުމާއި އަންގަން ޖެހޭ އެންގުންތައް އެންގުމުގެ ބާރު އެ ކޮމިޝަނަށް ލިބޭ ކަމަށެވެ. އަދި މައްސަލަތަކާއި ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ސުވާލު ކުރެވޭ އިރު ދައުލަތުން ގެއްލިފައިވާ ފައިސާތަކާއި ގުޅޭ ޖިނާއީ މައްސަލަތައް ފުލުހުންނާއި ޕީޖީ މެދުވެރިކޮށް ފިޔަވަޅު އެޅުމާއި މައްސަލަތައް ކުރިއަށްދާ މިންވަރު ބެލުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ.

އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެ މައްސަލަތަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށްޓަކައި މުސްތަގިއްލު ކަމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ އިހުތިޔާރު ރައީސް އެ ކޮމިޝަނަށް ދެއްވާފައިވެއެވެ.

"ދައުލަތަށް ލިބެން ޖެހޭ އެތަށް މިލިއަނެއްހާ ފައިސާ ހުރި އިރު މި ކޮމިޝަން އިން މަސައްކަތް ކުރާނީ ވަރަށް އަމާޒު ކުރެވިގެން ބުރަ މަސައްކަތްތަކެއްކޮށްގެން ފައިސާތައް ހޯދުން. އަދި މުއައްސަަސާތަކަށް ފައިސާ ހޯދަން ދިމާވެފައި ހުރި ދަތިތައް ހައްލުކުރުން. އެކަންވީ އެންމެ ބޮޑު މިނެއްގައި ކުރުމުގެ މަގްސަދުގައި އެކަން ކުރާނެ،" އަނިލް ވިދާޅުވި އެވެ.

އެ ކޮމިޝަނުން ބަލާ މައްސަލަތައް ތަންފީޒު ކުރަމުންގެންދާ މިންވަރު އެނގޭ ރިޕޯޓެއް ފުރަތަމަ ތިން މަސް ދުވަހު އެ ކޮމިޝަނުން ކޮންމެ މަހަކު އެއްފަހަރު ރައިސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ޖެހެ ކަމަށާއި ރައީސް ވަކިގޮތަކަށް ކަނޑަނާޅާހާ ހިނދަކު ކޮމިޝަން އޮންނާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އަނިލް ވިދާޅުވި އެވެ.