ހަބަރު

އެސްއޭއާރްސީގެ މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފި

ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އުފައްދާފައިވާ، ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަން (އެސްއޭއާރްސީ)ގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ކުރިޔަށް ދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަން ރައީސް އުފެއްދެވި ކަމުގެ ގަރާރު އިއްވަމުން އެޓާނީ ޖެނަރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވީ އެ ކޮމިޝަން އުފެއްދެވީ ޖުލައި 17 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ. އެގޮތުން އެ ކޮމިޝަނުން ހިޔާނާތުގައި ގެއްލިފައި ހުރި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެ މައްސަލަތަކަށް އަމާޒުކުރެވިގެން މަސައްކަތް ކުރާނެ އެވެ.

އެ ކޮމިޝަންގައި ހިމެނެނީ ހޯމް މިނިސްޓަރު އަހުމަދު އަޒްލީންއާ، ރައީސް އޮފީހުގެ ސުޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒުއާ، ހަދީޖާ ހަސަން އަދި ޑރ. އިބްރާހިމް މަހުފޫޒްގެ އިތުރުން ރޭނީޒް އަހުމަދު ސަލީމް އެވެ.

އެ ކޮމިޝަނުން ބަލާ މައްސަލަތައް ތަންފީޒު ކުރަމުންގެންދާ މިންވަރު އެނގޭ ރިޕޯޓެއް ފުރަތަމަ ތިން މަސް ދުވަހު އެ ކޮމިޝަނުން ކޮންމެ މަހަކު އެއްފަހަރު ރައިސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ޖެހެ އެވެ. އަދި ރައީސް ވަކިގޮތަކަށް ކަނޑަނާޅާހާ ހިނދަކު ކޮމިޝަން އޮންނާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.